ކުޑަކުދިންގެ ހައްގުތަކަށް ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދޭނެ ކަމަށާއި ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފާނަމަ، ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުމުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި އާންމު ފަރުދުން ވެސް ޒިންމާދާރުކުރުމަށް ބާރުއަޅައި، ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލައި ރައްޔިތުން ހިންގާ ހަރަކާތްތަކަށް އެ މުއައްސަސާއިން ހިތްވަރުދޭ ކަމަށެވެ.
"މި ހަރަކާތްތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ އެފަދަ މައްސަލަތައް ރިޕޯޓުކުރުމާއި ފަސްޖެހުމެއް ނެތި އެފަދަ މައްސަލަތަކާ ގުޅޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުމުގެ ރޫހެއް އުފެދިފައިވުމަކީ މުޖުތަމައުގެ ތެރޭގައި އުޅޭ މިފަދަ އަމަލުތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، ހައްގު އަދަބުދިނުމަށް މަގުފަހިވާނެ ކަމެއް ކަމުގައި ދެކެމެވެ..،" ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ އެފަދަ މައްސަލަތައް ބަލައި ތަހުގީގުކޮށް ކުށް ކުރާ ފަރާތްތަކާ މެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި ހުރިހާ ފަރާތްތަކުން ވެސް ފަރުދީ ޒިންމާ އަދާކުރުމަށް އެދޭ ކަމަށާއި ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޑުއުފުލާ އިރު، އެފަދަ ފުރުސަތުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.
މީހުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލު ފަދަ ތަންތަނަށް އެއްވެ އަޑުގަދަކޮށް، ހަޅޭއްލަވާ މުދަލާއި ތަކެއްޗަށް ގެއްލުންދީ، ގާނޫނީ ހަމަތަކާއި އުސޫލުތަކުގެ ބޭރުން މީހުންނަށް އަނިޔާކޮށް ހެދުމުގެ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށާއި އެފަދަ އަމަލުތަކަކީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ދާއިރާތަކުން ބޭރު އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެއްވެ އަޑުއުފުލުމުގެ މަގުސަދާ ވެސް ހިލާފު ކަމަކަށްވުމުން އާންމުންނާއި ދައުލަތުގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ، ބޭއިންސާފުން ނުވަތަ ގާނޫނީ ހަމަތަކުން ބޭރުން އެއްވެސް ފަރާތަކަށް އަނިޔާކޮށް ގޯނާކޮށް ނުހެދުމަށް އިލްތިމާސްކުރާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހެޔޮ ނިޔަތުގައި އާންމު ރައްޔިތުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި މުއައްސަސާތައް ޒިންމާދާރުކުރުމަށް އިންތިޒާމުކުރާ އެއްވުންތަކުގައި ބައެއް ފަރާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގައި، ކުޑަކުދިންނާއި އެނޫން ވެސް ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ލިބި ބިރުވެރިކަން އުފެދޭ ފަދަ އަމަލުތައް ތަކުރާރުކުރަމުންދާކަން ފާހަގަކުރެވެމުންދާ ކަމަށެވެ.