ދިވެހި އަސްކަރިއްޔާގައި ބޭރުގެ ބަޔަކު ނުތިބޭނެ ކަމަށާއި ރާއްޖޭގައި ބޭރުގެ އަސްކަރީ ބޭސްއެއް ވެސް ނޯންނާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އިދިކޮޅުން ދައްކާ ވާހަކަތަކަކީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަސްކަރިއްޔާގައެއް ނުތިއްބަވާ ބޭރުގެ ބޭފުޅުންނެއް. އަޅުގަނޑުމެންގެ އަސްކަރިއްޔާއަކީ ދިވެހިން ތިބޭ އަސްކަރިއްޔާއެއް. އަޅުގަނޑުމެންނަށް ވަރަށް އެހީތެރިވާ ބައެއް އިންޑިއާއަކީ. އެކިއެކި ހާލަތްތަކުގައި، މި ދޭތެރެއިން ރާއްޖެ ފެނަށް ޖެހުނީމަ ވެސް އެންމެ ފުރަތަމަ ވެސް އައީ އެމީހުން. އަޅުގަނޑުމެންގެ ތެރޭގައި ކިތަންމެ ގޮތަކުން އަޅުގަނޑުމެންނަށް އެހީތެރިކަން ލިބޭ އިންޑިއާއިން،" މިނިސްޓަރު ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އިންޑިއާގެ ބޭސް ކަމަށް އެ ބުނާ ހެލިކޮޕްޓަރުތައް އުތުރުގައި އޮތް ނަމަވެސް، ދެކުނުގެ ރަށްތަކުން ވެސް އެހީއަށް ޖެހުނީމަ ހަރަކާތްތެރިވާ ކަމަށާއި ސިޔާސީ ސަބަބަށްޓަކައި ގައުމުތަކާ ޖެހިގަނެގެން އުޅުމަށްވުރެ އިންޑިއާއަށް މުހިންމުވަނީ އިންސާނީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި ކަނޑުގެ ހާދިސާތަކުގައި ވެސް ހެލިކޮޕްޓަރުތަކުގެ ބޭނުން ހިފޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ރާއްޖެ މިއޮތީ 99.7 ޕަސެންޓް ކަނޑު. ކަނޑުގެ ސަރަހައްދުގައި ކިތަންމެ ފަހަރަކު މިގޮތަށް ހެލިކޮޕްޓަރުގެ ބޭނުން ޖެހޭ. މި ދޭތެރެއިން ބ. އަތޮޅުގައި ވެސް އެކްސިޑެންޓު ހިނގައިގެން ސާޗް އެންޑް ރެސްކިއުގައި ވެސް ހެލިކޮޕްޓަރު ބައިވެރިވި. ކިތަންމެ ފަހަރަކު ޑައިވަރުން ގެއްލުނީމަ، އެހެންނޫނިއްޔާ ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގީމަ ވައިގެ ސަރަހައްދުން ސާޗް އެންޑް ރެސްކިއުގައި ބައިވެރިވާން ހެލިކޮޕްޓަރުތައް ބޭނުންވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ސިޔާސީ ސަބަބުތަކަށްޓަކައި އިދިކޮޅުން އެކަހަލަ ވާހަކަތައް ދައްކާތީ ހިތާމަކުރާ ކަމަށާއި އިދިކޮޅުގެ ބޭފުޅުން ވެސް ގާތް މީހުން ބަލިވެގެން ހެލިކޮޕްޓަރުން ގެންނަން ޖެހުނީމަ ގުޅާ ކަމަށެވެ.