އުއްތުރަ ޕްރަދޭޝްގެ 1398 ދަނޑުވެރީންގެ ލޯނު އަމީތާބް ބައްޗަން ދައްކައިދީފި އެވެ. ދާދި ފަހުން އަމީތާބު ބުނެފައިވަނީ އުއްތުރަ ޕްރަދޭޝްގެ 850 ދަނޑުވެރީން ހޯދައި އެމީހުންގެ ލޯނު ދައްކައިދޭން ނިންމި ކަމަށެވެ. އެހެން ނަމަވެސް އެ އަދަދު މިހާރު މި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އުމުރުން 76 އަހަރުގެ އަމީތާބް ދައްކައިދިން ލޯނުގެ އަދަދު 4.05 ކްރޯޑަށް އަރައެވެ. މި ވާހާކަ އޭނާގެ ބްލޮގްގައި ހިއްސާ ކުރަމުން އަމީތާބް ބުނީ ދަނޑުވެރީންނަށް ދިމާވެފައިވާ މިހާ ދަތި ކަމެއްގައި އެމީހުންގެ ބޮލުން އެ ޒިންމާ ނަގައި ދެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މީގެ ކުރިން އަމީތާބް ވަނީ މަހާރަޝްތްރާގެ 350 ދަނޑުވެރީންގެ ލޯނުވެސް ދައްކައިދީފައެވެ.
އަމީތާބް ވަނީ މި ދަނޑުވެރީން ތެރެއިން 70 ދަނޑުވެރިއެއް މުމްބާއީ އަށް ދަތުރުކޮށް ބޭންކުން ސިޓީތައް ނެގުމަށް ދާ ހުރިހާ ހަރަދެއްވެސް ދީފައެވެ.