ޚަބަރު

ވޯޓާސް ލިސްޓަށް 41 ޝަކުވާ ހުށަހަޅައިފި

ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާސް ލިސްޓަށް އިއްޔެގެ ނިޔަލަށް 41 ޝަކުވާ ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ވޯޓާސް ލިސްޓަށް އިއްޔެގެ ނިޔަލަށް 41 ޝަކުވާ ހުށަހެޅިފައިވާ ކަމަށާއި ޝަކުވާ ހުށަހެޅުމަށް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އީސީން އާންމުކޮށްފައިވާ އިރު، އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 269،623 މީހުންނަށެވެ.

އެއީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު މީހުންނަށްވުރެ 5181 އިތުރު އަދަދެކެވެ. މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 264،442 މީހުންނަށެވެ.

އީސީން ބުނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅޭނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 03:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ކަމަށެވެ. އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 03:00 އިން ހަވީރު 05:00 އަށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އީސީން ބުނެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މާލެ ފިޔަވާ މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑު ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން ކަމަށެވެ. މާލޭގައި ނަމަ ޝަކުވާ ބަލައިގަންނާނީ ބާ ޖަމާލުއްދީނުންނެވެ.