ލާމަރުކަޒީ އުސޫލުން ހިންގަންވީ ހަމައެކަނި ގައުމުގެ އިދާރީ ދާއިރާތައް ނޫން ކަމަށާއި ސިޔާސީ ޕާޓީތަކުގެ ހިންގުން ވެސް ލާމަރުކަޒު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި އެމްޑީޕީން ކުރިއަށްގެންދިޔަ "އެޖެންޑާ 19 ހައްދުންމަތި ކޮންފަރެންސް"ގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ހިންގުން ވެސް މިހާރަށްވުރެ ބޮޑަށް ލާމަރުކަޒު ކުރަން މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ހިންގުން ލާމަރުކަޒު ކުރަން ޖެހޭ ކަމަށާއި ހަރަކާތްތައް ހިންގުމަށް ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުމުގެ ބާރު ޕާޓީގެ ދާއިރާތަކާއި ގޮފިތަކަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ ހިންގުން މިހާރަށްވުރެ ބޮޑަށް ލާމަރުކަޒު ކުރަން ޕާޓީގެ އެންމެ އިސް އެއް ލީޑަރުގެ ހައިސިއްޔަތުން މަސައްކަތްކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީއަކީ އަބަދުވެސް ސިޔާސީ ހަރަކާތްތައް އިންތިޒާމުކޮށްގެން އިންތިހާބުތަކާ ކުރިމަތިލާ ޕާޓީއެއް ކަމަށާއި ޕާޓީގެ ހިންގުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް ހަރަކާތްތައް ފުޅާކުރަން ޖެހޭ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.