ފްލެޓް މާރާމަތުކުރުމަށް ހުޅުވާލުމުން 35 ފަރާތަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވޮލޮޕްމަންޓުން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ހައުސިން ޔުނިޓްތަކުން މަރާމާތު ކުރުމަށް ހުޅުވާލި ފުރުސަތު ހަމަވީ އިރު، ޖުމްލަ 90 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ހުށަހަޅާފައިވާ މައްސަލަތަކަކީ ފެންލިީކުވުމުގެ މައްސަލަ އާއި ކަތުރު ފަނި އެޅުމާއި ކްރެކް ރީޕެއާ ކުރުމެވެ. އޭގެ އިތުރުން ފެންވަޅު ފުންކުރާއި އާންމު ސަރަހައްދު ދިއްލުން ރަނގަޅުކުރުމުގެ އިތުރުން ސިޑި ގޮޅީގެ މައްސަލަތައް ވެސް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
މައްސަލަ ހުށަހެޅި ފްލެޓްތަކަށް އިންޕްކްޝަން ކުރުމަށް ފަހު ހައްލު ހޯދައި ދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. މިނިސްޓްރީން ބުނީ މިދިޔަ ހަފްތާ ފެން ލީކުވުމުގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި އިއްޔެއިން ފެށިގެން ކަތުރު ފަނީގެ މައްސަލަ ހައްލުކުރުމަށްް މަސައްކަތް ފާށާފައިވާނެ ކަމަށެވެ. އަދި ބްލޮކް 173 ގައި މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ޕެސްޓް ކޮންރޯލް ޓީމުން ހަރަކާތްތެރިވެފައިވާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އިތުރު މައްސަލަތައް ހައްލުކުރުމަށް ވެސް މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ.
ހުޅުމާލެއިން ދޫކުރި 704 ފްލެޓްގެ ތެރެއިން މަރާމާތަށް ބެނުންވާ ފްލެޓްތައް މިމަހުގެ ހަތްވަނަ ދުވަހު ހައުސިން މިނިސްޓްރީން އިންސްޕެކްޝަން ކޮށްފައިވާ އިރު، ޕްލެޓްތައް މަރާމާތު ކުރުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ފްލެޓުތައް މަރާމަތު ކުރުމުގެ މަސައްކަތް ކުރަނީ އެ ފްލެޓުތައް އިމާރާތްކުރި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަނާއި ހައުސިން މިނިސްޓްރީގެ އިތުރުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ.