ޚަބަރު

ޗައިނާގައި ތިބި ދިވެހި ދަރިވަރުންގެ ހާލު މިދަނީ ބަލަމުން: ހަޔާ އެޑިއުކޭޝަން

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ހާލު ބަލަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނެފިއެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކަމާ ބެހޭ އިދާރާތަކަށް ގުޅައިގެން ޗައިނާގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ބަލަމުން އަންނަ ކަމަށެވެ.

އެހީތެރިކަން ބޭނުންވާ ދަރިވަރުން ޗައިނާ ކޮންސިއުލާ ނަމްބަރު 7983400 އަށް ގުޅުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދެއެވެ.

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ވުހާން ސިޓީގައި އެ ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ސިޓީއަށް އެތެރެ އަދި ބޭރުވާ ހުރިހާ މަގުތަކެއް ބަންދު ކުރުމަށް ނިންމައިފައެވެ. އެގޮތުން ފްލައިޓުތަކާއި ރޭލުތަކުގައި އެ ސިޓީއަށް ދަތުރުފަތުރު ނުކުރެވޭނެ ގޮތަށް ހުއްޓުވުމަށް ވަނީ ނިންމައިފައެވެ.

އެ ސިޓީގައި ތިބި ހަ ދިވެހިން އެހެން ތަނަކަށް ބަދަލުކުރުމަށް ދިވެހި ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ އިތުރުން އެ ސިޓީގައި ތިބި ދިވެހިންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާގައި ތަކެތީގެ އަގު މަތިވަމުންދާތީ ވުހާންގައި ތިބި ދިވެހިންނަށް ދިވެހި ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ވުހާންގައި ތިބި ހަ ދިވަހިން އެހެން ތަނަކަށް ބަދަލުކުރުމަށް ޗައިނާ ސަރުކާރާ ވާހަކަދައްކައިގެން ދިވެހި ސަރުކާރުން ކުރަމުން އަންނަ ކަމަށާއި ގޮންޖެހުމަކީ ވުހާން ސިޓީއަށް އެތެރެ އަދި ބޭރުވާ ހުރިހާ މަގުތަކެއް ބަންދުކޮށް، އެ ސިޓީ ކަރަންޓީން ކޮށްފައި އޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް ޗައިނާގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާއިރު ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވެސް މިވައިރަސް ހުރި މީހުން ވަނީ ފެންނަން ފަށައިފައެވެ. ޗައިނާގެ އިތުރުން ތައިލެންޑް، ކޮރެއާ، އަދި ޖަޕާންގެ އިތުރުން ޓައިވާނުން ވެސް ވަނީ މި ވައިރަސް ހުރި މީހުން ފެނިފައެވެ.

ކޮރޯނާ ވައިރަސްއަށް ހާއްސަ ފިޔަވަޅުތައް ރާއްޖޭގައި ވެސް ވަނީ އަޅަން ފަށައިފައެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި ވައިރަސްއަށް ފަތުރުވެރީން ސްކްރީން ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.