ޚަބަރު

ވުހާންގައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ވުހާން ސިޓީގައި ތިބި ހަ ދިވެހިންނަށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާގައި ތަކެތީގެ އަގު މަތިވަމުންދާތީ ވުހާންގައި ތިބި ދިވެހިންނަށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ވުހާންގައި ތިބި ހަ ދިވަހިން އެހެން ތަނަކަށް ބަދަލުކުރުމަށް ޗައިނާ ސަރުކާރާ ވާހަކަދައްކައިގެން ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގޮންޖެހުމަކީ ވުހާން ސިޓީއަށް އެތެރެ އަދި ބޭރުވާ ހުރިހާ މަގުތަކެއް ބަންދުކޮށް، އެ ސިޓީ ކަރަންޓީން ކޮށްފައި އޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވުހާން ސިޓީން ވަނީ ކޮރޯނާ ވައިރަސް ފެނުމާއެކު އިތުރަށް ފެތުރުން ހުއްޓުވުމަށް ފިޔަވަޅު އަޅަން ފަށައިފައެވެ. ވުހާން ސިޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ސިޓީއަށް އެތެރެ އަދި ބޭރުވާ ހުރިހާ މަގުތަކެއް ބަންދު ކުރުމަށް ނިންމައިފައެވެ. އެގޮތުން ފްލައިޓުތަކާއި ރޭލުތަކުގައި އެ ސިޓީއަށް ދަތުރުފަތުރު ނުކުރެވޭނެ ގޮތަށް ހުއްޓުވުމަށް ވަނީ ނިންމައިފައެވެ.

ކޮރޯނާ ވައިރަސް ޗައިނާގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާއިރު ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވެސް މިވައިރަސް ހުރި މީހުން ވަނީ ފެންނަން ފަށައިފައެވެ. ޗައިނާގެ އިތުރުން ތައިލެންޑް، ކޮރެއާ، އަދި ޖަޕާންގެ އިތުރުން ޓައިވާނުން ވެސް ވަނީ މި ވައިރަސް ހުރި މީހުން ފެނިފައެވެ.

ކޮރޯނާ ވައިރަސްއަށް ހާއްސަ ފިޔަވަޅުތައް ރާއްޖޭގައި ވެސް ވަނީ އަޅަން ފަށައިފައެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި ވައިރަސްއަށް ފަތުރުވެރީން ސްކްރީން ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.