ލާމަރުކަޒީ ނިޒާމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބަނޑުއަޅައި ވިހޭ ދަރިއެއް ކަމަށާއި އެޕާޓީން އެ ދަރިފުޅު ބިކަވިޔަ ނުދޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށްގެންދިޔަ މެނިފެސްޓޯ ވޯކްޝޮޕްތަކުގެ ތެރެއިން ށ. ފޯކައިދޫގައި ކުރިއަށްދިޔަ އެ އަތޮޅުގެ ވޯކްޝޮޕް ފައްޓަވައިދެއްވަމުން ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ރާއްޖެއަށް ގެނެސްދިން ނިޒާމެއް ކަމަށާއި އެ ނިޒާމު ދަމަހައްޓަން އެޕާޓީން މަސައްކަތްކުރާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ބަނޑުއަޅައި ވިހޭ ދަރިއެއް ކަމަށާއި އަމިއްލަ ދަރިފުޅަށް އަޅާލާ ފަދައިން، އެ ނިޒާމު ރާއްޖޭގައި ބިކަވިޔަ ނުދިނުމަށް އެމްޑީޕީން މަސައްކަތްކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރާއްޖޭގެ ރަށްތައް ހިންގޭނެ ކަމަށް ގަބޫލުކުރާ، ލާމަރުކަޒީ ފިކުރާ އިދިކޮޅު ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށާއި އެމީހުންނަށް މި އިންތިހާބުގައި ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ގަބޫލުކުރާ ކެންޑިޑޭޓުން މި އިންތިހާބުގައި ހޮވަން ޖެހޭ ކަމަށާއި އެ ކެންޑިޑޭޓުންނަކީ އެމްޑީޕީ ކެންޑިޑޭޓުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީން ގަބޫލުކުރާ ކެންޑިޑޭޓުން ނޫން އެހެން ބަޔަކު ކައުންސިލުތަކަށް އަތުވެއްޖެނަމަ މި ނިޒާމު ފުނޑުފުނޑުކޮށްލަން މަސައްކަތްކުރާނެ ކަމަށާއި އެހެން އެކަންވެއްޖެނަމަ ކައުންސިލުތަކަށް އިތުރު ބާރުތައް ދިނުމަށް ދެކޮޅު ހެދި ވާދަވެރި ފަރާތްތަކަށް ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ވާހަކަދައްކަން ފުރުސަތު ދެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ފުރުސަތެއް ވާދަވެރިންނަށް ނުދިނުމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކެންޑިޑޭޓުންނާއި ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއެކު ބޭއްވި މި ވޯކްޝޮޕުގައި މިނިސްޓަރު ޝާހިދު ވަނީ އިންތިހާބުގައި ވާދަކުރައްވާ އަންހެން ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެ، އެބޭފުޅުންނަށްވެސް ހިތްވަރު ދެއްވައިފައެވެ. އަދި ކައުންސިލުތަކުގެ ތިންބައިކުޅަ އެއްބަޔަކީ އަންހެން މެމްބަރުންނަށް ހެދުމަށް ގާނޫނު އިސްލާހުކުރެއްވުމަށް އިސްނެންގެވީ ރައީސް ސޯލިހާއި އެމްޑީޕީ ކަމަށާއި އެކަމާ އެހެން ހުރިހާ ޕާޓީއަކުން ދެކޮޅު ހެދިކަން ފާހަގަކުރެއްވިއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށް ދެކޮޅު ހެދި ބަޔަކު ބޭނުންވާ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވުމަށް ފުރުސަތު ނުދެއްވުމަށްވެސް ޝާހިދު ގޮވާލެއްވިއެވެ.
މިމަހުގެ 31 ވަނަ ދުވަހު އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން، މޮޅުވާ ކެންޑިޑޭޓުންގެ ފަހަތަށް އަރަން ޖެހޭނެކަމަށް ވިދާޅުވެ، އެކުވެރިކަމާއެކު ކެމްޕޭން ކުރެއްވުމަށް ޝާހިދު އިލްތިމާސްކުރެއްވިއެވެ.
ފޯކައިދޫގެ އިތުރުން ށ. ނޫމަރާ، ފުނަދޫ އަދި މިލަންދޫއަށް ވަޑައިގެން، އެރަށްރަށުގެ ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރެއްވުމަށްފަހުވެސް މިނިސްޓަރު ޝާހިދު މިފަދައިން ވާހަކަދެއްކެވިއެވެ.