ޚަބަރު

ދިއްގަރަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން ނައިބު ރައީސްއާ މަޝްވަރާކުރައްވައިިފި

އަހުމަދު ވަޖީފު

މ. ދިއްގަރަށް ދިމާވެފައިވާ ބޮޑު ދަތިތަކާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމްއާ އެރަށު ކައުންސިލުން މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ދިއްގަރަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން ނައިބު ރައީސްއާ މަޝްވަރާކުރެއްވީ 31 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ދިއްގަރުގައި ބޭއްވި ޖަލްސާއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ. އެގޮތުން އެރަށު ކައުންސިލުން އެރަށުގައި ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން އެރަށު ކައުންސިލުން ނައިބު ރައީސްއާ މަޝްވަރާކުރެއްވީ މިއަދު ދިއްގަރު ސްކޫލަށް ވަޑައިގެން އެމަނިކުފާނު ކުރެއްވި ބައްދަލުކުރެއްވުމުގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ދިއްގަރަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ބިމުގެ ދަތިކަމާއި، އުދައެރުމާއި، ރަށް ގިރުމުގެ މައްސަލަކަން ކައުންސިލަރުން ފާހަގަކުރެއްވާފައިވާ އިރު، އެރަށުގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވައިފައެވެ. އެގޮތުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރުގެ ފެންވަރު މަތިކުރުމާއި، ބިން ހިއްކުމުގެ މަސްރޫއުތަކާ ގުޅޭގޮތުން މަސްވަރާކުރެވިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތުވެސް އެރަށު ކައުންސިލުން ވަނީ ނައިބު ރައީސްއާ ހިއްސާކުރައްވައިފައެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި މަސްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ދިއްގަރު ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރުމާއި، ތައުލީމީ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ހުރި ދަތިތަކާއި، އެންމެ ފުރިހަމަ ގޮތުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ހިމެނޭ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ 31 ވަނަ ޅެންވެރީންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ދިއްގަރު ކައުންސިލުންނާއި، ރައްޔިތުން އަދި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ކަމަށެވެ. އަދި ދިއްގަރަކީ ނަމޫނާ ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެ ރަށުގެ ތަރައްގީއަށް ރާވާފައިވާ މަޝްރޫޢުތައް ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތަކަށް އިސްކަންދީގެން، އެއްވެސް ރަށެއް ބާކީ ނުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގައި ހިދުމަތްތަކުގެ ފެންވަރު މަތިކުރުން ކަމަށެވެ.

ނައިބު ރައީސް ދެ ދުވަހުގެ މުއްދަތަށް ކުރެއްވި ދަތުރުފުޅުގައި ދިއްގަރު ކައުންސިލުގެ އިތުރުން ދިއްގަރު ސްކޫލާއި، ސިއްހީ މަރުކަޒާއި، ފެނަކަ ކޯޕަރޭސަންގެ އިސްވެރީންނާ ބައްދަލުކުރައްވާފައިވެއެވެ. އެ ދަތުރުގައި އެމަނިކުފާނުގެ އަރިހުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބު ރައީސް ދިއްގަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ވަނީ އެނބުރި މާލެ ވަޑައިގަންފައެވެ.