ޚަބަރު

ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ގޮވާލައްވައިފި

އިބްރާހިމް ޒަކީ

1

ޒިންމާ އަދާ ނުކުރެވޭ ނަމަ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީިފު މިއަދު ގޮވާލައްވައިފި އެވެ.

އަންހެން ކުދިން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވެ އަމީން ދެއްކެވި ވާހަކައާ ގުޅިގެން ތައްޔާރު ކޮށްފައިވާ ހަބަރެއް ޓުވީޓް ކުރައްވައި، ހަސަން ލަތީފު މިއަދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ޒިންމާދާރު ކަމާއެކު ވަޒީފާ އަދާ ނުކުރެވޭ ނަމަ ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ޒިންމާދާރުކަމާއެކީ ވަޒީ އަދާ ނުކުރެއްވެންޏާ އސިްތިއުފާ ދެއްވާ! ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތް ކުރަން އެނގޭ މީހުން ބައިވަރު އެބަތިބި،" ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މެންބަރު ވިދާޅުވިއެވެ.

އަންހެން ކުދިން ހިތާނު ކުރުމާ ބެހޭގޮތުން މިނިސްޓަރު އަމީން ވިދާޅުވީ، އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ހިތްވަރު ނުދެއްވާ ކަމަށެވެ. އަދި އަންހެން ކުދިން ހިތާނުކުރުމުގައި އިސްލާމިކް މިނިސްޓްރީގެ ރައުޔެއް ހޯދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފޮނުވި ސިޓީ ވެސް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިދިޔަ ބުދަދުވަހު ވަނީ ބާތިލު ކުރައްވައިފައެވެ.

މިނިސްޓަރު އަމީން މިގޮތަށް ނިންމެވިއިރު އެޗްޕީއޭގެ ސިޓީއާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔަކަށް ވެސް އެދިފަ އެވެ. މި ރައުޔު ހޯދަން އެޗްޕީއޭ އިން އެދުނު އިރު އެތަނަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ތަނެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟