ޚަބަރު

ފެންމީޓަރުން ނަގާ 30 ރުފިޔާ ކަނޑާލަން ވާނީ އަންގާފަ: ސައީދު

އިބްރާހިމް ޒަކީ

4

ގޭގެ އަށް ލާފައިވާ ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާ ކަނޑާލުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ މެނިފެސްޓޯ އެކުލަވާލުމަށް ޓަކައި، ހިތަދޫ ޝަރަފުއްދީން ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ބައްދަލުވުމުގައި، ފެނުގެ ހިދުމަތް ބޭނުން ނުކުރާ ގޭގެއިންވެސް މެދު ނުކެނޑި ފެންމީޓަރަށް 30 ރުފިޔާ ނަގަމުން ގެންދާކަން ފާހަގަ ކުރައްވައި އައްޑޫ ސީޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސޯބެ ސުވާލު ކުރެއްވީ ފެން ބޭނުން ނުކޮށް އެހިދުމަތްވެސް ބޭނުން ނުކުރާ ގެތަކަށް ކޮންމެ މަހަކަށްވެސް 30 ރުފިޔާ ނެގުމަށް ބިލު ހަދަމުން ގެންދިއުމުގެ ސަބަބުން ބައެއް ގޭގެ ބިލަށް ތިން ހަތަރު ފަސްހާސް ރުފިޔާ އަރާފައިވާ ކަމަށެވެ. އަދި ގެއެއްގެ ފާރު ބުޑުގައި ހުންނަ އިސްކުރަކަށް 30 ފުރިޔާ ނަގަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ، ސަރުކާރުގެ ކުންފުޏަކުން އެކަން ކުރާއިރު، ރައްޔިތުން ކަންބޮޑުވެގެން ޝަކުވާ ކުރަނީ، އެންމެ ކައިރީގައި ތިބޭ ބަޔަކަށް ކަށާއި އެމީހުންނަކީ ކައުންސެލަރުން ކަމަށެވެ.

"އާއްމު ހިދުމަތްތައް ފެށިގެން އަންނައިރު މިބުނަނީ ކަރަންޓު ދިނުމާއި ނަރުދަމާ އާއި ފެނުގެ ވާހަކަ، މި ހިދުމަތްތައް މިހާރުވެސް ސަރުކާރު ކުންފުނިތަކުން މިދެނިީ އެ އެކުންފުނިތަކުން ދޭ ހިދުމަތްތަކުގެ ތެރޭން، ފެން ގެޔަށް ލާފައި ހުންނައިރު މީޓަރުން 30 ރުފިޔާ ނަގާ، އެގޭ މީހުން ފެނެއް ބޭނުމެއް ނުކުރޭ، އެކަމަކު ކޮންމެ މަހަކު ބިލު ހަދަމުން ގޮސް މިހާރު ފެން ބޭނުން ނުކޮށް ހިދުމަތް ނުހޯދާ ބައެއް ގޭގޭގައި އެބައޮތް ތިން ހަތަރު ފަސްހާސް ރުފިޔާގެ ބިލެއް، އެގޭ ފާރު ބުޑުގައި ހުރި އިސްކުރަކަށް ކޮންމެ މަހަކު 30 ރުފިޔާ ނަގަން ޖެހޭނެ ކަމަށް ނުދެކެން،" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ސަރުކާރު ކުންފުނިތަކުން އެފަދަ ހިދުމަތްތައް ދޭއިރު އެކަމާ ބެހޭ ގޮތުން ކައުންސިލްތަކާ މަޝްވަރާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ދެކެވަޑައިގަންވާ ކަމަށެވެ.

ސޯބެގެ ސުވާލަށް ޖަވާބު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލު ވުމަަށްފަހު އެ 30 ރުފިޔާ ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ 30 ރުފިޔާ ނުނެގުމަށް ފެނެކައިގެ ބޯޑުން ހަތަރު މަހެއްހާ ދުވަސް ކުރިން ނިންމައި އެކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެކަމަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް، ދާއިމީ ހައްލެއް، ކުރިއަށް އޮތް ލޯކަލް އިންތިހާބުގެ ވޯޓަށް ދިއުމުގެ ކުރިން ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟