ޚަބަރު

ކޮރޯނާ ވައިރަސް ހަލުވިކޮށް ފެތުރި، ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތަކުން ފެންނަން ފަށައިފި

މުހައްމަދު އައުޒަމް

9

ކޮރޯނާ ވައިރަސް ހަލުވިކޮށް ފެތުރި، ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތަކުން ފެންނަން ފަށައިފިއެވެ.

ޗައިނާގެ ވުހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެން ފަށާފައި ވާއިރު މިވައިރަސްގެ ސަބަބުން 38 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިވައިރަސް ޖެހިފައިވާ 1354 މީހުން ދުނިޔޭގެ އެކިގައުމުތަކުން މިހާތަނަށް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވައިރަސްގެ އަސަރު ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތަކުންވެސް ވަނީ ވައިރަސް ހުރި މީހުން ފެންނަން ފަށާފައެވެ. އެގޮތުން ތައިލެންޑު، އޮސްޓްރޭލިއާ، މެލޭޝިއާ، ސިންގަޕޫރު އަދި ނޭޕާލުން ވެސް މިވައިރަސް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަވަށްޓެރި އިންޑިއާއިންވެސް މިވައިރަސް ހުރިކަމަށް ޝައްކު ކުރެވޭ ތިން މީހުން ފެނިފައިވާ އިރު އަދި މިހާތަނަށް މިވައިރަސް އަށް އެމީހުން ޕޮޒިޓިވް ވިކަން ނުވަތަ ނޫންކަމެއް އިންޑިއާއިން ހާމަކޮށްފައެއް ނުވެއެވެ. ސްރީލަންކާއިންވެސް ވަނީ ޗައިނާއިން ދަތުރުކުރި މީހެއްގެ ހަށިގަނޑުން ވައިރަސްގެ އަސަރު ހުރިކަަމަށް ޝައްކުވެ ކަރަންޓީން ކޮށްފައެވެ. ނަމަވެސް ވައިރަސްއަށް ޕޮޒިޓީވް ނުވުމުން އެމީހާ ވަނީ ދޫކޮށްލާފަ އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލް ނުވެ ފުތުރެން ފަށާފައިވާއިރު ހުރިހާ ގައުމުތަކުން ވެސް ވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ. ރާއްޖެއިން ވެސް ވަނީ މި ކަމަށް ތައްޔާރުވެފައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ބައިނަލްއަގުވާމީ ވައިގެ ބަނދަރުގައި ތާމަލް ކެމެރާ ބޭނުންކޮށް އެތެރެވާ މީހުންގެ ހާލަތު ބެލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ކަރަންޓީން ފެސިލިޓީ ވެސް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟