ޚަބަރު

އައްޑޫ ކައުންސެލަރުންގެ އެންމެ މުހިއްމު ވައުދަކަށް ވާން ޖެހޭނީ އާމްދަނީ އިތުރުކޮށް ވަޒީފާތައް އިތުރުކުރުން: ނަޝީދު

އިބްރާހިމް ޒަކީ

1

އައްޑޫ ކައުންސެލަރުންގެ އެންމެ މުހިއްމު އަދި އެންމެ ބޮޑު ވައުދަކަށް ވާން ޖެހޭނީ އާމްދަނީ އިތުރުކޮށް ވަޒީފާތައް އިތުރުކުރެވޭ ފަދަ ބާވަތްތަކުގެ މަސައްކަތްތައް އައްޑޫ ސިޓީގައި ހިންގުމަށް ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ މެނިފެސްޓޯ އެކުލަވާލުމަށް ޓަކައި، ހިތަދޫ ޝަރަފުއްދީން ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ބައްދަލުވުން ހުޅުއްވައި ދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެންމެ މުހިއްމު ކަމަކީ އައްޑޫއަށް ލިބޭ އާމްދަނީ ސިޓީ ތެރޭގައި ހިފހެއްޓުން ކަމަށެވެ.

އައްޑޫ ކައުންސިލަށް މިއަހަރު ބޮޑު ބަޖެޓެއް ލިބިފައިވާކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ކުރި މަގުގައި އައްޑޫ ކައުންސިލްގެ މަސައްކަތްތައް ބައްޓަން ވެގެންދާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. އެގޮތަށް ބައްޓަންވެގެން ދާއިރު ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގައި، ލިބޭ އާމްދަނީ އައްޑޫގައި ދައުރު ކުރުމަށް ގޮތެއް ހޯދަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ވަޑާން ކުރުމާއި މަސް ފެކްޓްރީ އާއި ޓޫރިޒަމް ފަދަ ދާއިރާތަކުން ކުރިއަށް ދެވޭނެ ގޮތްތައް ހޯދައި އެ ސިނާއަތުތައް އައްޑޫސިޓީގައި ފުޅާ ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އައްޑޫ ކައުންސިލުން މި އަހަރު 73 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ އިރު، ކައުންސިލަށް ލިބޭ އާމްދަނިއާ އެކު ބަޖެޓް 80 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟