އިބްރާހިމް ޒަކީ
ކުޑަކުދީންނަކީ ގައުމުގެ ކުރިމަގުކަމަށް ވިދާޅުވެ، އެ ކުދީންނަށް އެންމެ ފުރިހަމައަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، ގައުމަށް ފައިދާހުރި ޖީލަކާއި ރަނގަޅު ދަރީންތަކެއް ބިނާކޮށް ތަރުބިއްޔަތު ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 31 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މ. އަތޮޅު ދިއްގަރުގައި ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޅެމެއްގެ ބައިތަކަށް އިޝާރާތްކުރައްވައި ޅެންވެރީން ދެއްވާފައިވާ މުހިންމު ފިލާވަޅުތަކުން އިބުރަތް ލިބިގަނެ، ޅެންތައް މެދުވެރިކޮށް ޝާއިރުން ކުރައްވާފައިވާ އިލްތިމާސްތަކަށް އިޖާބަދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ.
"އާދެ، މުޅި ގައުމު، އަޅުގަނޑު ދަންނަވާނީ، ކުރާންވީ މަސައްކަތަކީ މިއީއޭ. ހެޔޮ ގޮތުގައި ޅަ ދަރީންނަށް، ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި މަންމައާއި ބައްޕައާއި، މާމައާއި ކާފައާއި، މުނިމާމައާއި މުނިކާފަވެސް، އަދި ދައްތައާއި ބޭބެވެސް، އަދި ކޮއްކޮވެސް ހިމެނޭ ގޮތަށް، އަޅުގަނޑުމެން ކުރާންވީ މި މަސައްކަތް،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
"މުދައްރިސުންނާއި، މުވައްސަސާތަކުގެ ވެރީންނާއި، ހުރިހާ އެންމެން ގުޅިގެން އަޅުގަނޑުމެން ބަލަންވީ، އަޅުގަނޑުމެންގެ ލޯ ފަދަ، އަޅުގަނޑުމެންގެ ލޯބިވާ، އަޅުގަނޑުމެންގެ ދަރީންނަށް ހިމާޔަތާއި ރައްކާތެރިކަން، ލޯތްބާއި ކުލުނު، އޯގާތެރިކަމާއި އަޅާލުން ހޯދައިދީގެން، ރަނގަޅު ޖީލެއް، ރަނގަޅު ދަރީންތަކެއް، ބިނާކުރުމުގެ މަސައްކަތް ކުރާން. ގައުމަކަށް އޮންނާނެ އެންމެ މުހިއްމު ކަމަކީ އެއީ."
ޅެންވެރީން ދިވެހި ގައުމަށް ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތަކަށް ތައުރީފު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ޅެންވެރިކަމަކީ ގައުމުގެ އަދަބިއްޔާތުގެ މުއްސަނދިކަން ރަމްޒުކޮށްދޭ ފަންނެއް އަދި ހެއްކެއް ކަމަށެވެ. އަދި، ޅެންވެރީންގެ ހިދުމަތްތަކުގެ އަގު ވަޒަންކުރުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި، ދިވެހި ބަހުގެ އެކެޑަމީ އަދި ކަމާއިބެހޭ އެހެން އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރާން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މި އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަ ކުރުމުގައި ދިއްގަރުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ އަހުވަންތަ ގުޅުމާއި، އެއްބައިވަންތަކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، ދިއްގަރު ރައްޔިތުންގެ މި މިސާލުން ހިތްވަރު ލިބިގަތުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިއްގަރު ސްކޫލުގައި ބޭއްވެވި ޖަލްސާ ފެށިގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ޝަރަފުގެ ހެކި ވެދުންކުރުމުންނެވެ. ހަނދާނާއި ޝަރަފުގެ ހެކި އެމަނިކުފާނަށް ވެދުން ކުރީ ދިއްގަރު ސްކޫލުގެ ދަރިވަރުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހި ޅެންވެރިކަމާއި އަދަބިއްޔާތަށް ހިދުމަތް ކުރައްވަމުންގެންދަވާ ނިޝާން އިއްޒުންދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިން ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ހާއްސަ ހަނދާނީފިލައެއް އަރުވާފައެވެ. އަބްދުއްރަޝީދު ހުސައިނަކީ ދިވެހި ބަހާއި އަދަބަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ، އަދި މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެކެވެ. މި އަހަރުގެ ޅެންވެރީންގެ ދުވަސް ތަހުސީސް ކުރައްވާފައިވަނީ އެމަނިކުފާނަށެވެ.
އަބްދުއްރަޝީދު ހުސައިނުގެ ބައެއް މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އެމަނިކުފާނު ކުރައްވާފައިވާ ބައެއް މަސައްކަތްޕުޅުތަކަކީ ދިވެހީން ފިލާވަޅު ލިބިގަންނާން ޖެހޭ، އަދި ވަކީން ހާއްސަކޮށް ދަރިވަރުންނަށް މުހިންމު، ދަރިވަރުން އިސްކަން ދޭންޖެހޭ، އެ ފިލާވަޅުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިފިނަމަ އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް އެހީތެރިވެދޭނެ އަގުހުރި އެއްޗެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މީގެ އިތުރުން، ޅެންވެރީންގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަމާއިމެދު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ދިވެހިރާއްޖޭގެ ޅެންވެރީންގެ ގުލްޒާރުގައި ހިމެނޭ ފާހަގަކޮށްލެވޭ ބައެއް ހިދުމަތްތެރި ޅެންވެރީންނާއި، ޝާއިރުންނާއި، އަދީބުންނާއި، އުސްތާޛުންގެ ނަންތައް ފާހަގަކުރައްވައި، އެ ބޭފުޅުން ދޫކުރައްވާފައިވާ ހަދިޔާތަކުގެ އަގު ވަޒަންކޮށް، އެ ބޭފުޅުންގެ ޒިކުރާ އައު ކުރާން ޖެހޭކަމަށް ވިދާޅުވެފައެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ "އިއްޒަގެ ޅެންފޮތް" ގެ ނަމުގައި ޝާއިއުކޮށްފައިވާ "މަލަސް" ގެ 103 ވަނަ އަދަދު ރަސްމީކޮށް ނެރެދެއްވާފައެވެ. ޅެންވެރީންގެ ދުވަހުގެ ގޮތުގައި ހާއްސަ ދުވަހެއް ފާހަގަކުރައްވާން ސަރުކާރުން ފައްޓަވާފައިވަނީ 1989 ވަނަ އަހަރުއެވެ.