މެރަތަންއެއް ފުރިހަމަ ކުރެއްވި ދުނިޔޭގެ ދެވަނަ ފަސްޓް ލޭޑީ އަކަށް ރައީސޫލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، މެޑަމް ފަޒްނާ އަހުމަދު ވެވަޑައިގެންފި އެވެ.
މެޑަމް ފަޒްނާ މި މަގާމު ހާސިލުކުރެއްވީ، ލ. އަތޮޅުގައި މިއަދު ހެނދުނު ޓީއެފްޖީން ބޭއްވި "ރަން އިން ލާމު" ގައި ދުވެވަޑައިގެންނެވެ.
އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް، އަހުމަދު މަރުޒޫގް މިއަދު ހެނދުނު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އެންމެ ފުރަތަމަ މެރަތަންއެއް ފުރިހަމަ ކުރެއްވި ފަސްޓް ލޭޑީ އަކީ ކެންޔާގެ ފަސްޓްލޭޑީ ކަމަށެވެ. އެއީ 2014 ވަނަ އަހަރުގައި ކަމަށް މަރުޒޫގު ވިދާޅުވި އެވެ.
މަރުޒޫގު އިތުރަށް ވިދާޅުވީ ކެންޔާގެ ފަސްޓްލޭޑީ އަކީ ދުނިޔޭގައި އެންމެ ފުރަތަމަ މެރަތަންއެއް ފުރިހަމަކުރެއްވި ފަސްޓްލޭޑީ ނަމަވެސް، މެޑަމް ފަޒްނާ ވަނީ ކެންޔާގެ ފަސްޓްލޭޑީ މެރަތަން ނިންމި ވަގުތަށް ވުރެ އަވަހަށް ނިންމަވައި ރެކޯޑެއް ހައްދަވާފައި ކަމަށެވެ.
"ކެންޔާގެ ފަސްޓްލޭޑީ މެރަތަން ނިންމެވީ ހަތްގަޑި އިރާއި ހަތަރު މިނެޓުން، މެޑަމް ފަޒްނާ ނިންމެވީ ފަސް ގަޑި އިރާއި 39 މިނެޓުން. އެއްވެސް ކަހަލަ ދުވުމަކުން ކެންޔާ ބަލި ކުރުމަކީ ބޮޑު ކާމިޔާބެއް." މަރުޒޫގުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
މެރަތަން އެއް ފުރިހަމަ ކުރެއްވި ދުނިޔޭގެ ދެވަނަ ފަސްޓް ލޭޑީ އަކަށް މެޑަމް ފަޒްނާ ވެވަޑައިގެންފައިވާ އިރު، އެކަމަނާ އަކީ އާންމުކޮށް ވެސް ކުޅިވަރުގެ ކަންކަމުގައި އުޅުއްވާ ބޭފުޅެކެވެ. އަދި ރާއްޖޭގައި ބާއްވާ ދުވުން ތަކުގައި އާންމުގޮތެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.