ޚަބަރު

އިންނަމާދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފަށައިފި

މަރިޔަމް ޝަހުދާ

ރ. އިންނަމާދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފަށައިފި އެވެ.

އިންނަމާދޫގައި އިއްޔެ ބޭއްވި ހަފުލާއެއްގައި އެރަށު ސިއްހީ މަރުކަޒުގެ ލެބޯޓްރީ ހިދުމަތް ރަސްމީކޮށް ތައާރަފު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. ހެލްތު މިނިސްޓްރީން ބުނީ މި ހިދުމަތް ފެށުމަށް ބޭނުންވާ މެޝިނުތަކާއި އެހެނިހެން ވަސީލަތްތައް އިންނަމާދޫ ސިއްހީ މަރުކަޒުގައި ގާއިމު ކުރީ މިމަހު 18ގައި ކަމަށެވެ.

އިންނަމާދޫގައި ލެބޯޓްރީ ހިދުމަތް ތައާރަފު ކުރުމުން ރައްޔިތުންނަށް ލުއި ފަސޭހަތަށް ލިބޭނެކަން ހެލްތު މިނިސްޓްރީން ފާހަގަ ކުރިއެވެ. އެގޮތުން ކުރިން ރ. އުނގޫފާރަށް ކުރަން ޖެހޭ ދަތުރުގެ ވަގުތާއި ދަތުރަށް ހޭދަވާ ފައިސާ ސަލާމަތް ވާނެކަން ހެލްތު މިނިސްޓްރީން ފާހަގަ ކުރެއެވެ. މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި އިންނަމާދޫގައި ގާތްގަނޑަކަށް 876 މީހުން ދިރިއުޅޭއިރު ލެބޯޓްރީ ޓެސްޓު ހެދުމަށް އުނގޫފާރަށް އެމީހުން ދަނީ ލޯންޗުގައި ނަމަ 20 މިނެޓު އަދި އަތޮޅު ފެރީގައި ނަމަ އެއް ގަޑިއިރުގެ ދަތުރެއް ކޮށްގެންނެވެ.

މީގެ އިތުރުން އެރަށަކީ ތެލަސީމިއާ ބައްޔަށް ގަވައިދުން ފަރުވާ ހޯދަމުން އަންނަ ހަތަރު ކުއްޖަކު ދިރިއުޅޭ ރަށެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި ރަށުގައި ލެބޯޓްރީ ހިދުމަތް ގާއިމު ވުމުން މި ކުދިންނަށްވެސް ލުއިފަސޭހަވާނެކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.

މި ލެބޯޓްރީއަކީ އިންނަމާދޫ ކައުންސިލުން ކުންފުނިތަކާއި ގުޅިގެން ހަދާފައިވާ ލެބޯޓްރީއެކެވެ. އަދި މި ލެބޯޓްރީން ޒަމާނީ މެޝިނަރީސް ބޭނުންކޮށްގެން ޓެސްޓުތައް ހެދޭނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.