ހުރިހާ ކުދިންނަށް ވެސް ބައިވެރިވެވޭނެ މަންހަޖެއް ސުކޫލުތަކުގައި ތަންފީޒުކުރުމުގެ ގޮތުން ދަސްވާރު ޕްރޮގްރާމް ވަކި ސްޓްރީމެއްގެ ގޮތުގައި ކުރިއަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ނިންމުމަކީ ދަސްވާރު ނިންމާ ދަރިވަރުންނަށް ދިމާވާ އެކި ގޮންޖެހުންތަކާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން އެ ޕްރޮގްރާމުގެ ދަށުން ތައުލީމު ހާސިލްކުރާ ދަރިވަރުންނަކީ ތައުލީމީ ގޮތުން ދަށް ބައެއްގެ ގޮތުގައި ބައެއް މީހުން ފާހަގަކުރުމުންދާތީ އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކުރާ ކަމަށާއި އަދި އެ ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ ނޭނގުމުން ވަޒީފާ ލިބުމުގައި ދަތިތަކާ ދިމާވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ، ދަސްވާރު ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ހުރިހާ ދަރިވަރުންނަށް ސުކޫލް ނިމޭއިރު އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މިންވަރަށް ތައުލީމު ލިއްބައިދިނުން ކަމުގައިވީ ނަމަވެސް އެ ޕްރޮގްރާމަށް ބައެއް ދަރިވަރުން ލާފައިވަނީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށެވެ.
އަދި ބައެއް ސުކޫލްތަކުން އެ ސްކޫލުތަކުގެ ނަތީޖާ މަތިކުރުމަށް ގައުމީ މަންހަޖުގައި ހިމެނޭ މުހިއްމު މާއްދާތައް ނުކިޔަވާ ދަސްވާރު ހެދުމަށް ދަރިވަރުންނަށް މަޖުބޫރު ކުރާ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން ގްރޭޑް 10އެއްގައި ދަސްވާރު ޕްރޮގްރާމް ހެދޭކަން އެނގޭ ހިސާބުން ދަށު ގްރޭޑުތަކުގައި ކިޔާ ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދޭ ކަމަށާއި އެ ދަރުވަރުން ބަލަނީ "ލުއި" ގޮތަކަށް ސާނަވީ މަރުހަލާ ނިންމާލެވޭތޯ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ
އެކަމުގެ ސަބަބުން ސުކޫލަށް ދިއުމުގެ ހަގީގީ މަގުސަދު ދަރިވަރުންނަށް ހާސިލު ނުވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.
މިނިސްޓްރީން ބުނީ، އެ ސަބަބަށްޓަކާ ވަކި ސްޓްރީމެއްގެ ގޮތުގައި ދަސްވާރު ޕްރޮގްރާމް ކުރިއަށް ނުގެންދިޔަ ނަމަވެސް ސުކޫލުގައި ދަރިވަރުންނަށް ހުނަރު ދަސްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އަމާޒަކީ ގިނަ ބައެއްގެ ލަފަޔާއި އިރުޝާދާއެކު ކޮންމެ ކުއްޖަކަށް ވެސް ދިރިއުޅުމަށް ބޭނުންވާ ހުނަރު ދަސްކޮށްދޭނެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުން ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.