ޚަބަރު

އެދުނު މިންވަރަށް ބަޖެޓު ލިބުނުނަމަ ބޮޑުތަނުން މަގުތައް ރަނގަޅުވީސް: ޝިފާ

މަރިޔަމް ޝަހުދާ

1

އެދުނު މިންވަރަށް ބަޖެޓު ލިބުނުނަމަ ބޮޑުތަނުން މަގުތައް ރަނގަޅުވީސް ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު ކަމަށް އިތުރު ދައުރަކަށް ވާދަކުރައްވަމުން ގެންދަވާ ޝިފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރު މަގުމަތީގައި އެޅުމަށް ލިބިފައިވަނީ 37،000 ގަލާއި 200 ކާނު މަތިގަނޑު ކަމަށެވެ. އަދި މިދިޔަ އަހަރުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ 2018ގައި ކަނޑައެޅި ބަޖެޓުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިދިޔަ އަހަރުގެ މާލޭ ތަރައްގީކުރުމުގެ މަސައްކަތަށްވީ ފައިސާ ހުރީ ޕްލޭނިން މިނިސްޓްރީގައި ކަމަށެވެ. އަދި ޕްލޭނިންގް މިނިސްޓްރީގައި އެދުނު ވަރަށް ފައިސާ ލިބުނުނަމަ މާލޭގެ މަގުތަކުގެ މަސައްކަތް ބޮޑުތަމުން ރަނގަޅުވީސް ކަމަށް ވިދާޅުވިއެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން މިއަހަރުގެ ބަޖެޓުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކައުންސިލްތަކަށް ކަނޑައަޅައިފައެވެ.

އެގޮތުން މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައެޅީ 656 މިލިއަނެވެ. އެކަމަކު، މި އަހަރުގެ ބަޖެޓުގައި 1.6 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ކަނޑައެޅުމުން، ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 148 ޕަސެންޓަށް އިތުރުވާނެއެވެ. އަދި އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 155 ޕަސެންޓަށް އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 433 ޕަސެންޓަށް އިތުރުވާނެ ކަމަށް ބަޖެޓުގައިވެއެވެ.

މާލޭ ސިޓީ ކައުންސިލަށް މިއަހަރު ބަޖެޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 140 މިލިއަން ރުފިޔާއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟