ކުޑަކުދީންނަށް ރަހުމުނުކުރާ މީހުންނަކީ އެބައެއްގެ ހިތްތަކުގައި ރަހުމަތާއި ކުލުނުވެރިކަން ނެތިކުރައްވާފައިވާ އަނިޔާވެރި ބައެއް ކަމަށާއި އެއީ އިންސާނުންގެ ސިފާގައި ތިބި ނުބައި މަހުލޫގުންތަކެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ، ކުޑަކުދީންނަށް އަޅައިލުމަށާއި އެކުދީންނަށް ހެޔޮ ނަމޫނާ ދެއްކުމަށް މައިންބަފައިންނާއި ބެލެނިވެރީންނާއި ބަލަދުވެރީންނާއި މަހުރަމުންނަށް އިސްލާމް ދީން ވަރަށް މަތީ ދަރަޖައަކަށް ބާރު އަޅައި ކަމަށެވެ. އަދި ހެޔޮލަފާ އާއިލާއަކާއި ތަގުވާވެރި ބައްޕައަކާއި ސޯލިހު މަންމައެއް އެ ދަރީންނަށް ލިބިގެންދިއުމަކީ އެ ދަރީންނަށްޓަކައި އަދާކޮށްދޭންޖެހޭ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އިންސާނީ މުޖުތަމައުތަކުން މިއަދު ފެންނަމުންދާ މަންޒަރުތަކާއި އިވޭ އަޑުތަކާއި ހިނގާ ހާދިސާތަކުން އިންސާނިއްޔަތުގެ ޝުއޫރެއް ހިނގާ ކޮންމެ މީހަކު ފިއްކަޑައިގެންދާވަރުވާ ކަމަށާއި އެއީ މިއަދު މައިންނާއި ބަފައިންނާއި އަމިއްލަ ދަރީން ވަކި ކުރަން ނޭނގޭ އިންސާނުން، އިންސާނީ މުޖުތަމައުތަކުގައި އުޅޭތީ އާއި އިންސާނުންގެ ސިފާގައި އިންސާނީ ތަބީއަތު ގެއްލިފައިވާ މީހުން ވެސް ދިރިއުޅޭތީ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ، އިންސާނިއްޔަތަށް އޯގާތެރިވުމަކީ އަޅުކަމެއްގެ ގޮތުގައި މުސްލިމުން އަމަލުކުރަމުން އައި ކަމެއް ކަމަށާއި އެބަޔަކަށް އެންމެ އޯގާތެރިވާންޖެހޭ ބަޔަކީ ބޮޑެތި މީހުންގެ އޯގާތެރިކަމާއި ކުލުނާއި ހަމްދަރުދީއަށް އެދި އެދި ތިބި ކުޑަކުދިން ކަމަށެވެ.
ނަމަވެސް ކުޑަކުދީންނަށް ރަހުމުނުކުރާ މީހުންނަކީ އެބައެއްގެ ހިތްތަކުގައި ރަހުމަތާއި ކުލުނުވެރިކަން ނެތިކުރައްވާފައިވާ އަނިޔާވެރި ބައެއް ކަމަށާއި އެއީ އިންސާނުންގެ ސިފާގައި ތިބި ނުބައި މަހުލޫގުންތަކެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ކުޑަކުދިންނަކީ އިލާހީ ނިއުމަތެއް ކަމަށާއި ކާއިނާތުގައި ވެރިރަސްކަލާނގެ އިންސާނުންނަށް ދެއްވާ އަގުބޮޑު ހަދިޔާއެއްކަން ފާހަގަކުރައްވާ ހުތުބާގައި އިތުރަށް ބުނީ، ކީރިތި ޤުރުއާނުގައި މާާތް ﷲ، ދަރީން ސިފަކުރައްވާފައިވަނީ ދުނިޔޭގެ ޒީނަތެއްގެ ގޮތުގައި ކަމަށެވެ.
ނަމަވެސް ދުނިޔޭގެ އެ ރީތި ޒީނަތުން ފުރިގެންވާ ނިއުމަތަށް އެކި އިންސާނުން ގަދަރުކުރަނީ އެކި މިންވަރަށް ކަމަށާއި އޭގެ ނަތީޖާއިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ޖެހިލުންނުވާ އިންސާނުން މުޖުތަމުގައި ވެސް އުޅޭކަމީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ކާރިސާއެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ، އެ ކާރިސާ ދިވެހި މުޖުތަމައުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށް އަދާކުރެވިދާނެ ދައުރެއް އެބައޮތް ކަމަށެވެ. އެގޮތުން ޒިންމާދާރު ހެޔޮލަފާ މުސްލިމެއްކަމުގައިވުމައި މަރުވާނެކަން ހަނދާންކުރުމާއި މަރުވުމަށްފަހު ކުޅަ އަމަލުތަކާއި ކޮށްފައިވާ ކުށްތަކާއި ފާފަތަކުގެ ހިސާބުތައް ބެލެވޭނެ ކަމާމެދު ގާފިލުނުވުން ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.