ޚަބަރު

އިންޓަވަލްއަށް ގަނެދޭ ކާތަކެތި ތައްޔާރުކުރާ ބައެއް ތަންތަނުގެ ހާލަކީ މިއީ، ވިސްނާލާ!

ދަރިފުޅުގެ އިންޓަވަލްއަށް ބައެއް ބެލެނިވެރިން ފިހާރަތަކުގައި ތައްޔާރުކޮށްގެން ގެނެސްފައި ހުންނަ ބައެއް ކާ އެއްޗެހި ގަނެދެއެވެ. ޕިއްޒާ އާއި ހޮޓްޑޯގާއި ސޭންޑުވިޗް ކަހަލަ އެއްޗިއްސެވެ. ނަމަވެސް މި އެއްޗެހީގެ ސާފުތާހިރުކަމާމެދު އެއްވެސް ވަރަކަށް ވިސްނާލެވުނުތޯއެވެ.

އިމިގްރޭޝަނުން ކުރިއަށް ގެންދާ ރޫޓިން އިންސްޕެކްޝަންތަކުގެ ތެރެއިން މިވަނީ އެފަދަ ބައެއް ތަންތަނުގެ ބިތުފަންގި ނަގައިފައެވެ.

އިމިގްރޭޝަނުން އިއްޔެ ހަތަރު ތަނެއް އިންސްޕެކްޓު ކުރިއިރު ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އެކަމާމެދު އާންމުން ހޭލުންތެރިކުރުވުމަށް އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ވީޑިއޯ ކޮޅަކުން އެފަދަ ބައެއް ތަންތަނުގެ ހާލަތު ވަނީ ދައްކާލައިފައެވެ.

އެ ވީޑިއޯގައި މާބޮޑު ވައިދައުރުވާނެ ގޮތެއް ނެތް ތަނެއްގައި ބިދޭސީން ކާއެއްޗެހި ތައްޔާރުކުރާ ތަން ފެނެއެވެ. އެތަނުގެ އެތެރޭގައި ބިދޭސީން އުޅެނީ ވެސް ހުސް ފަޔާއެވެ. ކާތަކެތި ތައްޔާރުކުރާ މީހުންގެ ސާފުތާހިރު ކަމެއް ނެތްއިރު ވީޑިއޯގެ ބައެއްގައި ބިންމަތީގައި ވެސް ތެލި އެއްޗެހި ބަހައްޓާފައި ހުންނަ ތަން ފެނެއެވެ.

އިމިގްރޭޝަނުން ބުނީ، މިތަކެތީގެ ތެރޭގައި އިންޓަވަލް ގަޑީގައި ސުކޫލް ކުދީންނަށް ދިނުމަށް ބައެއް ބެލެނިވެރީން އާންމުކޮށް ފިހާރަތަކުން ގަނެއުޅޭ ބާވައްތައް ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ، އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ. ނަމަވެސް އެކަމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އިމިގްރޭޝަނުން އިލްތިމާސް ކުރެއެވެ.

ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުން ގެންގުޅެންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭތީ އެފަދަ ބައެއް ތަންތަން އެޗްޕީއޭއިން ދޭތެރެ ދޭތެރެއިން ބަންދު ކުރެއެވެ. އަދި އަލުން އެތަނަކަށް ހުއްދަ ދެނީ މިންގަނޑަށް ފެތޭތޯ ބެލުމަށްފަހުއެވެ.