ޚަބަރު

ހިމަބިއްސަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ޣާޒީ ސުކޫލުގެ ދަރިވަރެއް ހިމެނޭ: އެޗްޕީއޭ

މަރިޔަމް ޝަހުދާ

އިއްޔެ ހިމަބިއްސަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ޣާޒީ ސުކޫލުގެ ދަރިވަރެއް ހިމެނޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ރޭ އާންމު ކުރި ބަޔާނެއްގައި ބުނީ، އިއްޔެ ހިމަބިއްސަށް ޓެސްޓުކުރި ނުވަ މީހުންގެ ތެރެއިން ދެ މީހަކު އެބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން އެއް ފަރާތަކީ ޣާޒީ ސުކޫލުގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރެއް ކަމަށެވެ.

އެ ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން 33 ޕަސެންޓް ދަރިވަރުންނަކީ މީސަލްސް ވެކްސިން ޑޯޒު ފުރިހަމަ ނުކުރާ ކުދިންކަން ވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭ އިން ބުނީ، މިހާރުވެސް މި ބަލި ޖެހިފައިވާ މީހަކު ފެނުމުން އަމަލު ކުރާ ގޮތަށް އެ ސަރަހައްދުތަކުގައި އަމަލު ކުރަމުން ގެންދާނެ ކަމަށެވެ. އަދި ހިމަބިހީގެ ވެކްސިން ޑޯޒުތައް ފުރިހަމަ ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

އިއްޔެ ހިމަބިއްސަށް ޕޮޒިޓިވްވި ދެ މީހުންނާއެކު އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ ހައަކަށް އިތުރުވެފައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައި ވަނިކޮށް އަލުން އެ ބަލި މީހަކަށް ޖެހި ފެތުރެން ފަށާފައިވާ ކަން އިއުލާން ކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގައެވެ. އަދި ހިމަބިހި ފެތުރުން ކޮންޓްރޯލު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި، ވެކްސިން ޖެހުމަށް ތިން މަސް ދުވަހުގެ ޕްރޮގްރާމެއް ވަނީ ފަށައިފައެވެ.