ޚަބަރު

ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތަކުގެ މައުލޫމާތު ހިއްސާކުރަން ކައުންސިލްތަކަށް އަންގައިފި

ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައި ނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް ޖެންޑާ މިނިސްޓްރީން ކައުންސިލްތަކުގައި އެދިއްޖެއެވެ.

ޖެންޑާ މިނިސްޓްރީން އެގޮތަށް ކައުންސިލްތަކަށް އަންގާފައިވަނީ، ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މިދިޔަ އާދީއްތަ ދުވަހު ނިންމި ނިންމުންތައް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެ މިނިސްޓްރީއަށް އަންގަވާފައިވާތީއެވެ.

އެގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޖުމަލް ހަތް ކަމެއް ކުރުމަށް ޖެންޑާ މިނިސްޓްރީއަށް ދެންނެވުމަށް ނިންމިއެވެ. އޭގެ ތެރޭގައި ސިޓި ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި އަދި ރަށު ކައުންސިލުތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައި ނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމާތު ދެނެގަނެ، 30 ދުވަހުގެ ތެރޭގައި އެފަދަ ކުޑަކުދިންނާއި އާއިލާތަކުގެ މައްޗަށް އެކުލަވާލާ ދަފްތަރުގައި އެ މައުލޫމާތު ހިމެނުން ހިމެނެއެވެ.

ޖެންޑާ މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ، ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމާތު ހަތް ދުވަހުގެ ތެރޭގައި ހިއްސާކޮށްދިނުމަށް އެދި 200 ކައުންސިލެއްގެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީން ކުރުމަށް އެ މިނިސްޓްރީއަށް އެންގުމަށް ނިންމި ހަތް ކަމުގެ ތެރެއިން، ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތަށް ދެނެގަންނާނެ މިންގަނޑުތައް އެކުލަވާލައި މިހާރު ވަނީ މަޖިލީހަށް ފޮނުވައިފައެވެ.

  • ހިއުމަން ރައިޓްސް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ދެން ކުރުމަށް ޖެންޑާ މިނިސްޓްރީއަށް އެންގުމަށް ދެން ނިންމި ކަންތައްތަކަކީ:
  • - ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަތުމަށް އެކުލަވާލާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މައުލޫމާތު ދިރާސާކޮށް، ހަތް ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަނެ އެފަދަ އާއިލާތައް ދަފްތަރުކޮށް އެފަދަ އާއިލާތައް ގަވާއިދުން މޮނިޓާކުރާނެ ނިޒާމެއް އެކުލަވާލުން.
  • - ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މުޖުތަމައަށް ދޫކޮށްލާފައިވާ ފަރާތްތައް މިހާރުން މިހާރަށް ދެނެގަނެ، އެފަދަ މީހުން ދޫކޮށްފައިވާ ސަބަބުތައް އަލުން މުރާޖައާކޮށް، އެފަދަ މީހުން މޮނިޓާ ކުރާނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލުން.
  • - ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުއީ މަރުހަލާގައި އަވަސްކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރައްވައި، އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް 30 ދުވަހުގެ ތެރޭގައި އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވުން.
  • - ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތަކުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓުތަކުގެ ޕާފޯމަންސް އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހަދައި، އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓިއަށް ހިއްސާކުރުން.
  • - 2009 ވަނަ އަހަރު ގާއިމުކުރެވުނު މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑާޓާބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުންކުރަން ފެށުން.