ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލައެއް މާރިޗް މަހުގެ ނިޔަލަށް ނިންމުމަށް ހައިކޯޓުން އަމާޒެއް ކަނޑައަޅައިފިއެވެ.
ހައިކޯޓުން ބުނީ، އެކޯޓުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 40 މައްސަލަ އިސްތިއުނާފުކުރެވިފައި އެބައޮތް ކަމަށެވެ. އޭގެ ތެރެއިން އަށް މައްސަލައަކީ ހައިކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފު ކުރެވިފައިވާ މައްސަލަތައް ކަމަށެވެ. އަދި 27 މައްސަލައަކީ ދައުލަތުން އިސްތިއުނާފުކޮށްފައިވާ މައްސަލަތައް ކަމަށެވެ.
ހައިކޯޓުން ބުނީ، އެ ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަތައް އަންނަ މާރިޗް މަހުގެ ނިޔަލަށް ހުކުމްކޮށް ނިންމުމަށް އަމާޒެއް ކަނޑައަޅައި، އެ އަމާޒަށް މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކާ ގުޅޭގޮތުން ޝަރުއީ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް އަވަސް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މި ހަފްތާ ތެރޭގައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިދާރީ އިސްވެރިން އަދި އިސްމެޖިސްޓްރޭޓުންނާއެކު ވެސް ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
އެގޮތުން އެފަދަ މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެނަމަ ގާނޫނީ އިޖުރާއާތުގެ ތެރެއިން ލިބިދޭންޖެހޭ އެންމެހައި ހައްގުތައް މައްސަލައިގެ ހަސްމުންނަށް ލިބިދިނުމާއެކު ބުލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން މެދުކެނޑުމެއްނެތި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދެވޭނެގޮތަށް މައްސަލަތައް މެނޭޖު ކުރުމަށް ވެސް ވަނީ އެއްބަސްވެ، އެކަމާ ބެހޭ އިންތިޒާމްތައް ހަމަޖައްސަން ޑީޖޭއޭ އަށް އަންގައިފައެވެ.
އެގޮތުން ޑީޖޭއޭ އިން މިއަދު ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހުށަހެޅުނު ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމަން ކޯޓުތަކަށް އަންގައިފިއެވެ.