މެދު ރާއްޖެތެރޭގެ ރަށެއްގައި ތިން ފިރިހެނުންގެ ގްރޫޕަކުން 17 އަހަރުގެ ކުއްޖަކު ރޭޕްކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނުގެ ރަށެއްގައި ތިން ފިރިހެނުންގެ ގްރޫޕަކުން 17 އަހަރުގެ އަންހެން ކުއްޖެއް ގޭންގް ރޭޕްކުރި މައްސަލައެއް މިރޭ ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ވަނީ މިފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސްކަމާއެކު ފުލުހުން ބަލަމުން އަންނަ މައްސަލަތަކެއް ކަމަށް ބުނެފައެވެ. އަދި ކުދިންގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން މިފަދަ މައްސަލަތަކުގައި ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
މިމަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ގިނަ މައްސަލަތަކެއް ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. އެގޮތުން ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ވަނީ އެ ކުއްޖާގެ ބައްޕަ އާއި ކާޕަ އަދި މުނި ކާފަ ހައްޔަރުކޮށްފައެވެ. އެކުއްޖާގެ ބައްޕައަށް ކުރަނީ ކުއްޖާއަށް އިހުމާލުވުމުގެ ތުހުމަތެވެ. އަދި އެކުއްޖާގެ ކާފަ އާއި މުނި ކާފައަށް ކުރަނީ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ.
އެއަށްފަހު ދެކުނުގެ ރަށެއްގައި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 56 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 80 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ އިރު، ގާނޫނާ ހިލާފަށް ކޯޓުން ބޭރުގައި 15 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނިކޮށްގެން ކަމަށް ބުނެ، އެކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 59 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ އިތުރުން ދެކުނުގެ ރަށެއްގައި ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އިއްޔެ 76 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ އިރު، 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އިއްޔެ ވަނީ ސިފައިންގެ މީހަކު ވެސް ހައްޔަރުކޮށްފައެވެ.