ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހުށަހެޅުނު ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކަށް އަންގައިފިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކާ ގުޅޭގޮތުން ޝަރުއީ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް އަވަސް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މި ހަފްތާ ތެރޭގައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިދާރީ އިސްވެރިން އަދި އިސްމެޖިސްޓްރޭޓުންނާއެކު ވެސް ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
އެ ބައްދަލުވުންތަކަށްފަހު މައްސަލަތައް އަވަސްކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އަވަސްކަމާއި ހަލުވިކަމާއެކު ހުކުމެއް ކުރެވިގެންދާނެގޮތަށް ކޯޓުތަކުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، އެގޮތުގެމަތިން ޝަރުއީ ކޯޓުތަކުން އަމަލުކުރަމުން ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ.
އޭގެ އިތުރުން އެފަދަ މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެނަމަ ގާނޫނީ އިޖުރާއާތުގެ ތެރެއިން ލިބިދޭންޖެހޭ އެންމެހައި ހައްގުތައް މައްސަލައިގެ ހަސްމުންނަށް ލިބިދިނުމާއެކު ބުލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން މެދުކެނޑުމެއްނެތި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދެވޭނެގޮތަށް މައްސަލަތައް މެނޭޖް ކުރުމަށް ވެސް ވަނީ އެއްބަސްވެ، އެކަމާ ބެހޭ އިންތިޒާމްތައް ހަމަޖައްސަން ޑީޖޭއޭ އަށް އަންގައިފައެވެ.
އެގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަބްދުﷲ ނަޒީރު ސޮއިކުރައްވާ ޝަރުއީ ކޯޓުތަކާއި އިދާރާތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ކުޑަކުދިންނަށްކުރާ އަނިޔާއާ ގުޅުންހުރި މައްސަލައެއް ކޯޓަށް ހުށަހެޅުމާއެކު 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލައަށް އިސްކަންދީގެން ކޯޓަށް ހުށަހެޅިފައިވާ އެހެނިހެން މައްސަލަތައް މެނޭޖުކޮށް، އަވަސްކަމާއި ހަލުވިކަމާއެކު އެ މައްސަލަ ނިންމޭނެ ގޮތަކަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން އެފަދަ މައްސަލަ ރައްދުވާ ފަރާތާއި މައްސަލައިގައި ދައުވާކުރާ ފަރާތަށް، ކަނޑައެޅިފައިވާ އިޖުރާއާތުގެ ތެރެއިން ގާނޫނު ލާޒިމުކުރާ މުއްދަތުތައް ލިބިދީ، މައްސަލަ މެނޭޖުކޮށް ޝަރީއަތުގެ މަރުހަލާ ފެށުނީއްސުރެ ނިމެންދެން ދެ ޝަރީއަތުގެ ދެމެދުގައި 48 ގަޑިއިރަށްވުރެ ދިގު މުއްދަތެއް ހޭދަނުވާނެހެން މައްސަލަ ތާވަލުކޮށް އަދި މައްސަލައިގެ ތާވަލު މަސްލައިގެ ހަސްމުންނާ ހިއްސާކުރުމަށް ވެސް ސާކިއުލާގައި ބުނެފައިވެއެވެ.
އެގޮތުން އެ މައްސަލަ ހުށަހެޅުނު ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމުމަށްޓަކައި މައްސަލައިގެ ޝަރީއަތްތައް ގަވާއިދުން ކުރިއަށް ގެންދިއުމާއެކު މައްސަލައިގެ ކޮންމެ ޝަރީއަތުގެ އަޑުއެހުމެއްގައި ކުރިއަށްދާނީ ކޮން ކަންކަމެއްކަން މައްސަލައިގެ ހަސްމުންނަށް އެނގޭނޭހެން އެކަމުގެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް ވެސް ޑީޖޭއޭ އިން ބުނެއެވެ.
އޭގެ އިތުރުން ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކުގެ ފާއިތުވި މަހުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޑީޖޭއޭއަށް ފޮނުވަންވާނެ ކަމަށާއި އެގޮތުން ފޮނުވާ ތަފާސްހިސާބުގައި އެ މައްސަލައެއް ހުށަހެޅުނު ތާރީހާއި މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރެވިފައިވާ ގޮތާއި މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބާއި އަދި މައްސަލަ ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތަކެއް ހުރިނަމަ އެކަމުގެ މައުލޫމާތު ހިމަނަންވާނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.
ޑީޖޭއޭ އިން ބުނީ، އެގޮތަށް އެކަން އިންތިޒާމުކުރުމުގެ މަގުސަދަކީ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާމެދު އަވަސްކަމާއި ހަލުވިކަމާއެކު ނިހާއީ ހުކުމެއް ކުރިވެގެންދިއުމެވެ. އަދި މުޖުތަމައުގެ އާންމު މަސްލަހަތު ހިމާޔަތްކޮށް، އަނިޔާ ލިބުނު ފަރާތާއި މައްސަލައިގައި ހިމެނޭ ހެކިވެރިންގެ ހައްގުތައް ހިމާޔަތްކޮށްދީ އަވަސްކަމާއެކު މައްސަލައަށް ހައްލެއް ލިބިދިނުން ކަމަށެވެ.