ޚަބަރު

ތިމަރަފުށީގައި 100 ހައުސިންގް ޔުނިޓު އަޅަން ބަޔަކާ ހަވާލުކޮށްފި

މަރިޔަމް ޝަހުދާ

ތ. ތިމަރަފުށީގައި 100 ހައުސިންގް ޔުނިޓު ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަޝަން ޕްރައިވެޓް ލިމިޓަޑާ ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެސްޖޭ ކޮންސްޓްރަކްޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދް އިބްރާހީމެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާލިސް ޝަރީފެވެ.

މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 71 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އަޅާ ހައުސިންގް ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވަނީ ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނަ އަދި އެއް ސިޓިންގް ރޫމްގެ އިތުރުން އެއް ލޯންޑަރީ އޭރިއާ އާއި ގެ ކުރިމަތީގައި ޔާޑެއް ހިމެނޭ ގޮތަށެވެ.