ށ. ފުނަދޫ އެއާޕޯޓުގައި މަދަމާ ޓެސްޓް ފަލައިޓް ޖެއްސުމަށް ހަމަޖައްސައިފިއެވެ.
"ވަން އޮންލައިން"އަށް މައުލުމާތުދެއްވަމުން ށ. އަތޮޅު ކައުންސިލްގެ މެމްބަރު އަހުމަދު ފާއިޒު ވިދާޅުވީ އެރަށު އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސަން ހަމަޖެހިފައިވަނީ ހެނދުނު 7:30 ގައި ކަމަށެވެ.
އެ ރަށުގައި މާދަމާ ޓްސްޓް ފްލައިޓް ޖެއްސުމަށް ހަމަޖެހިފައިވާ އިރު، ރަށުގެ ރައްޔިތުން އެކަމަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެގޮތުން އެއާފޯޓް ސަރަަހައްދު ސާފުކޮށް އެ ސަރަހައްދުގައި ދިދަ ޖެހުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުނަދޫގައި މާދަމާ ޖައްސާ ފްލައިޓަކީ މޯލްޑިވިއަންގެ ފްލައިޓެކެވެ. އެކަން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވަނީ "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ތަރައްގީކުރަން ފެށި މި އެއާޕޯޓަކީ މޫދުން 40 ހެކްޓަރު ހިއްކައިގެން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓުގެ މަސައްކަތްކޮށްފައިވަނީ އެމްޓީސީސީންނެވެ.