ޚަބަރު

ޝަހާދާ ސާނަވިއްޔާ ނިންމައި ސްކޮލާޝިޕް ހާސިލުކުރި ހާފީޒާ މާޒިނާއާ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

އަހުމަދު ވަޖީފު

ޝަހާދާ ސާނަވިއްޔާ ނިންމައި ރައީސުލް ޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހާސިލުކުރި ހާފިޒާ މާޒިނާ އަބްދުއްރަހީމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ސްކޮލާޝިޕް ހާސިލު ކުރައްވާފައިވާތީ މާޒިނާއާ ބައްދަލު ކުރައްވައި ހިތްވަރު ދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމުދެއްވާފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަތީ ތައުލީމު ހާސިލުކުރުމުގެ މަރުހަލާގައިވެސް މޮޅު ކާމިޔާބީއެއް ހޯދައި، ދިވެހި ގައުމުގެ ތަރައްގީއަށާއި ކުރިއެރުމަށް އިހުލާތެރި ހިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެނަވާކަމަށެވެ.

މާޒިނާ އަބްދުއްރަހީމް ތައުލީމީ ހަޔާތް ފައްޓާފައިވަނީ އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް އެކަކުން 2007 ވަނަ އަހަރުއެވެ. ޝަހާދާ ސާނަވިއްޔާއާ ހަމަޔަށް ކިޔަވައި ނިންމާފައިވަނީ ވެސް އަރަބިއްޔާއިންނެވެ. ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ބައިވެރިވި 15 މާއްދާގެ ތެރެއިން 13 މާއްދާއިން އޭ ސްޓާ އާއި، ދެ މާއްދާއިން އޭ އޭނާ ހޯދާފައި ވެއެވެ.

2017 ވަނަ އަހަރު އަރަބިއްޔާ ސްކޫލުން ތައުލީމީ ގޮތުން މާޒިނާ އެއްވަނަ ހޯދާފައި ވާއިރު ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުގައި ބައިވެރިވެ، ގިނަ ކާމިޔާބީތަކެއްވެސް މާޒިނާ ވަނީ ހޯދާފައެވެ. ޤުރްއާން ހިތުދަސްކުރާ ފަރާތްތަކަށް ދޭ މެޑަލް 2019ވަނަ އަހަރު މާޒިނާ ހާސިލުކޮށްފައި ވެއެވެ. އަދި އަރަބިއްޔާ ސްކޫލްގެ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވެ ކާމިޔާބީތައް ހޯދާފައިވެއެވެ.

މާޒިނާ އަބްދުއްރަހީމް މަތީ ތައުލީމު ހާސިލުކުރުމަށް ހަމަޖެހިފައިވަނީ [އުސޫލުއްދީން]ގެ ރޮނގުން މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީގައެވެ.

މާޒިނާއަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަ އޮފް ހަޔަ އެޑިޔުކޭޝަން ޑޮކްޓަ އިބްރާހީމް ހަސަންގެ އިތުރުން، މާޒިނާގެ މައިންބަފައިން ބައިވެރިވެވަޑައިގެންނެވިއެވެ.