ކްރިމިނަލް ކޯޓުގެ ގާސީ އިބްރާހިމް އަލީގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފިއެވެ.
އެކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުން ނިންމި ކަންތައްތައް މީޑިއާއަށް ހާމަ ކުރުމަށް މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ޖޭއެސްސީގެ ގާނޫނުގެ 22.1 ވަނަ މާއްދާގެ (ބ) ގައި ވާ ގޮތުގެ މަތިން މައްސަލަ ބެލުމާމެދު ގޮތެއް ނިންމައި އެ ކޮމިޝަނުން ބަލަން ނިންމާފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީގެ ސުލޫކީ މައްސަލަބަލާ ކޮމިޓީ އިއްޔެގެ ބައްދަލުވުމުގައި އެކުލަވާލާފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ، ތަހުގީގީ އިދާރާއަކުން ނުވަތަ އެ ކޮމިޝަނުން ބަލާ މައްސަލައަަކާ ގުޅިގެން ފަނޑިޔާރަކު ވަގުތީ ގޮތުން މަސައްކަތުން ދުރުކުރެވިއްޖެނަމަ އެ ފަނޑިޔާރަކު ބަލަމުން ދިޔަ މައްސަލަތައް މަޑު ޖެހުމަކާ ނުލައި ކުރިއަށްދާނެ އިދާރީ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައި އެދުމަށް ވެސް އިއްޔެ ފާސް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މ. މުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ޒަރީރު ފަނޑިޔާރު ކަމުން މުސްކުޅި ކޮށްދެއްވުމަށް އެދިވަޑައިގެން ހުށަހެޅުއްވި މައްސަލައާމެދުވެސް އިއްޔެ ގޮތެއް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އަދި އޭނާ މުސްކުޅި ކުރައްވައި ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލު ކުރާ ގޮތުގެ ގަވާއިދު ގެ ދަށުން ދޭން ޖެހޭ އިނާޔަތްތަކާއެކު އޭނާ މުސްކުޅި ކުރަން އިއްޔެގެ ބައްދަލުވުގައި ފާސްކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.