ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އަނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ މަގުމަތިން ހިނގާފައި ދިޔަ ދެ އަންހެނެއް ގައިގައި ސައިކަލަކުން ޖެހިގެންނެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިރޭ 8:20 ހާއިރެވެ. ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދައިން ބުނީ އެކްސިޑެންޓެއްގައި އަނިޔާވެގެން ދެ އަންހެނަކާއި ފިރިހެނެއް ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
އާސަންދައިން ބުނީ އެކްސިޑެންޓުގައި އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައިވަނީ މ. ކޮޅުފުށީ، 20 އަހަރުގެ ފިރިހެނަކާއި އދ. ހަންޏާމީދޫ، 25 އަހަރުގެ އަންހެނެއް އަދި އެ ރަށު 22 އަހަރުގެ އަންހެނެއް ކަމަށެވެ.
އެ ތިން މީހުންގެ ތެރެއިން 25 އަހަރުގެ އަންހެން މީހާގެ ބޯ ފަޅާގެން ގޮސްފައިވާ ކަމަށާއި 22 އަހަރުގެ އަންހެން މީހާއަށް ލިބިފައިވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާގެ ބޮލަށް އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް އާސަންދައިން ބުންޏެވެ.
އެ އެކްސިޑެންޓުގެ ކުރިން މިރޭ ސިނަމާލޭ ބުރިޖުގައި ވެސް އެކްސިޑެންޓެއް ހިނގިއެވެ. ތިން ސައިކަލެއް ޖެހި ބުރިޖުގައި ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި އިރު، އެކަކުގެ ބޮލަށް ވަނީ އަނިޔާތަކެއް ލިބިފައެވެ.