އާންމު އަޑުއެހުންތަކުގައި އަމަލުކުރާ އާ އިސްލާހާ އެއްގޮތަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅޭ ހުރިހާ މައްސަލަތަކެއް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
އެ އޮފީހުން ބުނީ "އާންމު އަޑުއެހުންތަކުގައި ޢަމަލުކުރާނޭ ގޮތުގެ އުސޫލު" އިސްލާހުކުރުމަށް ފަހު ސާކިއުލާއެއްގެ ޒަރީއާއިން ސަރުކާރުގެ ހުރިހާ އިދާރާތަކަކަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި މި އުސޫލަށް ގެނައި ބަދަލާއެކު އަޑުއެހުން ބާއްވާ ތަނާއި، ތާރީހާއި، ގަޑި އާންމު ކުރުމާއި، އަޑުއެހުމަށް ހާޒިރުވުމާއި، ބަދަލުގައި މީހަކު ހަމަޖައްސާނެގޮތާއި، ބަދަލުގައި އަންނަ ފަރާތުން އަމަލުކުރަންޖެހޭ ގޮތާއި، އަޑުއެހުންތައް ކެންސަލް ކުރާނެ ހާލަތްތައް އަދި ޝަރީއަތް އަޑުއެހުމަށްޓަކައި އާންމުން ވަންނާނެ އުސޫލު ވަނީ ބަޔާންކޮށްފައެވެ.
މި އުސޫލުގައި ބަޔާންކޮށްފައިވަނީ އަޑުއެހުމަށްޓަކައި އާންމުންނަށް ވަދެވޭނީ މައްސަލަ އަޑުއަހަން ވަނުމުގެ ދަފްތަރުގައި ނޯޓްކޮށްގެން ކަމަށެވެ. އަދި ދަފްތަރުގައި ނޯޓް ކުރިކަމުގައި ވިޔަސް މާލަމަށް ވަނުމުގެ ހުއްދަ ދެވޭނީ ނޯޓް ކުރާ ތަރުތީބުން ތަނުގައި ޖާގަ އޮތް މިންވަރުން ކަމަށާއި އަޑުއެހުމަށް ވަންނަން ނަން ނޯޓް ކުރަން ފަށާނީ އަޑުއެހުން އޮންނަ ދުވަހުގެ ހެނދުނު 8:15 އިން ފެށިގެން އަޑުއެހުން ތާވަލުކޮށްފައިވާ ގަޑިޖެހުމުގެ ފަސް މިނެޓާ ހަމައަށް ކަމަށް މި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން މައްސަލައިގެ އަޑުއެހުން ނިމޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެދިއްޖެނަމަ މައްސަލަ ހުށަހެޅި ފަރާތަށާއި، މައްސަލަ ރައްދުވާ ފަރާތަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ދޫކުރަންވާނެ ކަމަށާއި އަދި މައްސަލަ ނިމޭތާ ގިނަވެގެން ހަތަރު ދުވަހުގެ ތެރޭގައި އެ ރިޕޯޓް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ ކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.