އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި، ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު މއ. ވޭސައިޑް އަބްދުއްރައޫފް އިބްރާހީމް އެ މަގާމަށް އައްޔަން ކުރުމަކީ، އެންމެ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސުލް ޖުމްހޫރިއްޔާ އަށް ދަންނަވަން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ކޮމިޝަނުން މިގޮތަށް ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި އެކަމާމެދު މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
ޖޭ އެސްސީން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައޫފްގެ ނަން ޖޭއެސްސީއަށް ފޮނުވާފައި ވަނިކޮށް، ހުސްވި މަހުގެ އެއްވަނަ ދުވަހު، އޭނާއާ ގުޅޭގޮތުން ތިން ފަރާތަކުން ކޮމިޝަނަށް ޝަކުވާ ހުށަހެޅި ކަމަށެވެ. އަދި ރައީސަށް މަޝްވަރާ އަރުވަން ކޮމިޝަނުން ނިންނީ، އެ ޝަކުވާތަކާ ގުޅޭ ގޮތުން ކޮމިޝަނުން ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު ކަމަށްވެސް ބުނެފައި ވެއެވެ.
"ޝަކުވާ ތަކާ ގުޅިގެން ކޮމިޝަނުން ހޯދި މައުލޫމާތުތަކަށް ރިއާޔަތް ކޮށް، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައިސުލް ޖުމްހޫރިއްޔާ މަޝްވަރާ އަށް އެދިވަޑައިގެންފައިވާ ފަނޑިޔާރު އަލްއުސްތާޒު އަބްދުއްރައޫފު އިބްރާހިމް އެ މަގާމަށް އައްޔަން ކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމުގައި މި ކޮމިޝަނަށް ގަބޫލު ނުކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ދެންނެވުމަށް ނިންމެވި." ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޖޭއެސްސީއަށް ފޮނުއްވި ކުރީގެ އުއްތަމަ ފަނޑިޔާރު، އަހުމަދު ފާއިޒް ހުސެއިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވެސް ޖޭއެސްސީން ރައީސަށް ލަފާ އަރުވާފައި ވެއެވެ.
ފާއިޒުގެ ނަން ޖޭއެސްސީ އަށް ފޮނުވުމާއެކު އުއްތަމަ ފަނޑިޔާރުކަމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ފާއިޒް ހުންނަވައިގެން، ސުޕްރީމް ކޯޓުން ނިންމި ގާނޫނުތަކާއި ގާނޫނު އަސާސީއާ ހިލާފު އެއްވެސް ނިންމުމެއްގައި ފާއިޒު ބައިވެރިވެވަޑައިގެންފައިވޭތޯ ބެލުމުގެ މަސައްކަތް ޖޭއެސްސީން ފެށިއެވެ.
އެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަހުމަދު ފާއިޒު ހުސެއިން އަކީ އެބޭފުޅާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމާއި ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު އަދާ ކުރެއްވިއިރު، ސުޕްރީމް ކޯޓުުން ނިންމާފައިވާ ގާނޫނާ ހިލާފު އަދި ސުޕްރީމް ކޯޓުގެ އިހުތިސާސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހުތިސާސްގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށް އެ މައްސަލަ ދިރާސާ ކުރި ކޮމިޓީގެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.