ޚަބަރު

ސިފައިންގެ މީހަކު ހައްޔަރު ކުރީ 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި ބްލެކްމެއިލް އަދި ރޭޕްގެ ތުހުމަތުގައި

އަހުމަދު ވަޖީފު

ރޭގެ ވަގުތެއްގައި ސިފައިންގެ މީހަކު ހައްޔަރު ކުރީ 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި ބްލެކްމެއިލް އަދި ރޭޕްގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ 14 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމާއި، ރޭޕް ކުރުމުގެ ތުހުމަތުގައި ސިފައިންގެ މިހާ ހައްޔަކުރީ އިއްޔެ އިރުއޮއްސި 6:30 އެހާކަންހާއިރު ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރީ 36 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެމީހާ ހައްޔުކުރި ކަމުގެ މައުލޫމާތު ސިފައިންނާ ވެސް ހިއްސާ ކޮށްފައި ވާނެ ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވެސް ވަނީ ކުޑައަންހެން ކުއްޖަކަށް ސިފައިންގެ މީހަކު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ކަށަވަރު ކޮށްދީފައެވެ.

ސިފައިންގެ މީހަކު 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެފައިވަނީ ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށާއި އެއްވެސް އަދަބެއް ނުލިބި އަދި ވެސް އެ މީހުން ދޫވެފައި ތިބި ކަމަށެވެ.

ނަމަވެސް އެމްއެންޑީއެފުން މީގެ ކުރިން ބުނެފައި ވަނީ ސިފައިންގެ މީހެއްގެ ފަރާތުން ކުޑަކުދިންނަށް ޖިންސީގޯނާ ކުރުން ފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާކޮށްފިނަމަ އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.