އިބްރާހިމް ޒަކީ
މާލޭ ޖަލުން ޓެސްޓެއް ހެދުމަށް އައިޖީއެމްއެޗަށް ގެންދިޔަ ގައިދީއަކު ފިލައިފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސް ގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފިލާފައި ވަނީ، ގދ. ރަތަފަންދޫ، ވެލީގޭ، އައިސަރު ނަސީމް ކަމަށެވެ.
މިއަދު ހެނދުނު 8:24 އެހާކަންހާއިރު އޭނާ ފިލީ ޓިއުބާ ކްލޯސަސް ޓެސްޓެއް ހަދަން އައިޖީއެމްއެޗަށް ގެންދިއުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރިޔަށް ގެންދާ ކަމަށެވެ. އަދި އެކަން ހިނގައި ދިޔަގޮތް ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުން ބުނީ، ކަރެކްޝަނަލް ސާވިސް ގެ ބެލުމުގެ ދަށުގައި ހުރި، އުމުރުން 24 އަހަރުގެ އައިސަރު ނަސީމް ފިލާފައިވާ ކަމުގެ މައުލޫމާތު އެ ސާވިސް އިން ފުލުހުންނަށް ދީފައިވާ ކަމަށެވެ.
އެހެންކަމުން އޭނާ ހޯދުމުގެ މަސައްކަތުގައި ކަރެކްޝަނަލް ސާވިސް އަށް އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށްވެސް ފުލުހުން ބުންޏެވެ.