ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފޭންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މި ދުވަސްވަރަކީ ރާއްޖޭއަށް ކަނޑުގަދަ ދުވަސްވަރަކަށް ވުމާއެކު ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގެ ރިޕޯޓް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް ލިބެމުންދާ ކަމަށެވެ. އެގޮތުން އުޅަނދު ފަހަރު ފަރަށް އެރުމާއި އުޅަނދު ފަހަރަށް ދިޔަވުމުގެ ހާދިސާގެ ރިޕޯޓްތައް ލިބެމުންދާ ކަމަށާއި އަދި އަޑިޔަށް ދިޔުމާއި އުޅަނދު ފަހަރު ބަންޑުން ޖަހާލުމުގެ ހާދިސާތަކުގެ ރިޕޯޓްވެސް ލިބެމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މިފަދަ ހާދިސާތައް ދިމާވަމުންދިޔުމާ ގުޅިގެން ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ބެލުމުގެ އިތުރުން އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެ އެވެ. ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ދަތުރުކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އެދެއެވެ.
މި ދުވަސްވަރަކީ ރައްޖޭގެ ކަނޑު ގަދަ ދުވަސްވަރަކަށް ވުމާއެކު ދަތުރުކުރާ ފަރާތްތަކުން މުސުމަށް ސަމާލުވުމަށް އެމްއެންޑިއެފުން އިލްތިމާސްކުރި އިރު، އިއްޔެ ހަތަރު މީހުންނާއެކު ދަތުރުކުރި "އަޒުމް" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުން ޖަހާލުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ވަނީ ހަރަކާތްތެރި ވެފައެވެ. އަދި ނޮކު މޯލްޑިވްސްއަށް ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް އެ ރިސޯޓުގެ ނެރުމައްޗަށް އިއްޔެ ބަންޑުން ޖަހާލައި ދިވެއްސަކު މަރުވެފައި ވެއެވެ.