ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއް ހިންގާހާ ހިނދަކު ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ކަންކަމަކީ ވަރިހަމަކޮށްގެން ތިބޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތ. ގުރައިދޫ އެމްޑީޕީ ހަރުގެ ހުޅުވުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އުމްރާނީ ތަރައްގީ އާއި މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވިދާނެ ކަމަށާއި ނަމަވެސް ތުއްތުކުދިން ސަލާމަތްތެރިކަމާއެކު އެކުދިންގެ އަމިއްލަ ގޭގޭގައި ނޫޅެވެންޔާ އެއީ ސަރުކާރު ހިންގަންވީ ގޮތް ނޫން ކަމަށެވެ.
އެގޮތުން ޝަރީއަތުގައި އެފަދަ 55 މައްސަލަ ހުއްޓިފައި އެބައޮތްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ މައްސަލަތައް ތާއަބަދު ވަރިހަމަ ކުރަމުން ގެންދެވިއްޖެ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިހެއް ހިނގާހާހިނދަކު އެކަންކަން ވަރިހަމަކޮށްގެން ނުތިބެވޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ޔަގީންކަން އަރުވަން އަޅުގަނޑަށް ޔަގީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއް ހިނގާހާ ހިނދަކު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނޭވާ ހިނގާހާ ހިނދަކު މިބާވާތުގެ ކަންކަމަކީ ވަރިހަމަކޮށް ތިބެވޭނެ ކަންކަމެއް ނޫން. އިއްތިހާދަކަށް ވިޔަސް. މިއީކީއެއް ވަރިހަމަކޮށްގެން ތިބެވޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖެ ބަދަލުކުރަން ބޭނުންވާނަމަ ދިވެހިން ފުރަތަމަ ބަދަލުވާންވީ އިންސާނުންނަށް ކަމަށާއި އެއަށްފަހު މާތް ﷲ އަންގަވާފައިވާ ގޮތަށް އަދި އިންސާނީ އާންމު އުސޫލުގެ ތެރެއިން އުޅޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގެ މުއައްސަސާތަކުން ދިވެހި ދަރިންނަށް އުފާވެރި ހަޔާތެއް ހޯދައިދޭން ތާއަބަދު ފާރައަށް ތިބެންޖެހޭނެ ކަމަށެވެ.