އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ފަތުވާއަކަށް އެދިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ބޭނުމަކަށް ނޫން ކަމަށާއި އެކަމުގެ ފަތުވާއަކަށް އެދުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ބޭނުމަކަށް ކަމަށް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގައި އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން ދީނީގޮތުން އޮންނަ ގޮތް އޮޅުންފިލުވައިދިނުމަށް އެޗްޕީއޭ އިން ފަތުވާއަކަށް އެދުނު ކަމަށެވެ.
ދީނީގޮތުން މައްސަލައެއް އޮޅުންފިލުވައިދިނުމަށް މިނިސްޓްރީގެ ފަރާތުން ފަތުވާ މަޖިލީހުގައި ހަމައެކަނި އެދެވޭނެ ފަރާތަކީ އެއިރެއްގައި މިނިސްޓްރީގެ ހިންގުމާ ހަވާލުވެ ހުންނެވި ފަރާތް ކަމުގައިވާތީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ފަތުވާ މަޖިލީހުގެ ރައުޔަކަށް އެދިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
"އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން ފަތުވާއަކަށް އެދިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބޭނުމަކަށް ކަމަށް ބައެއް ފަރާތްތަކަށް ހީވެފައިވާތީ މިކަމަކީ އެއްވެސް ހާލަތެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބޭނުމަކަށް އެދިފައިވާ ފަތުވާއެއް ނޫން ކަމުގައި ދަންނަވަމެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަކީ ދީނީގޮތުން އޮޅުން އަރާ ކޮންމެ ކަމެއްގައި ރައްޔިތުން ބޭނުންވެއްޖެ ކޮންމެ ހިނދަކު އެކަމެއްގައި ދީނީގޮތުން އޮންނަ ގޮތް ބަޔާންކޮށްދޭ ފަރާތެވެ..،" އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް އެދުމަށް ފޮނުވި ސިޓީ ހެލްތު މިނިސްޓްރީން މިހާރު ވަނީ ބާތިލުކޮށްފައެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ނެރުއްވި މެމޯއެއްގައި ވިދާޅުވީ އަންހެނުން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެއީ ސަރުކާރުން ހިތްވަރުދޭ ކަމެއް ވެސް ނޫން ކަމަށެވެ.