ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކާ ގުޅޭގޮތުން ޝަރުއީ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އަވަސްކަމާއެކު ހުކުމް ކުރެވިގެންދާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައި އެގޮތުގެ މަތީން އަމަލުކުރުމަށް ކޯޓުތަކުން އެއްބަސްވެއްޖެއެވެ.
ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ، އެފަދަ މައްސަލަތައް އަވަސްކުރުމާ ގުޅޭގޮތުން ކޯޓުތަކުގެ އިސް ފަނޑިޔާރުން ބައްދަލުކޮށް މަޝްވަރާ ކުރުމަށް ނިންމައިފައެވެ.
އެގޮތުން ވޭތުވެދިޔަ ހަތަރު ދުވަހު ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓާއި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިދާރީ އިސްވެރިންނާއެކު ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
އެ މަޝްވަރާތަކަށްފަހު ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކުޑަކުދިންނަށްކުރާ ޖިންސީގޯނާގެ މައްސަލަތަކާއި އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ އެންމެހައި މައްސަލަތަކަކީ ހައްސާސް މައްސަލަތަކެއް ކަމަށްވާތީ އެފަދަ އެއްވެސް މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެނަމަ، ހަމަޖެހިފައިވާ އިޖުރާއާތުގެ ތެރެއިން އަވަސްކަމާއި ހަލުވިކަމާއެކު އެ މައްސަލަތައް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއްކަމަށް ފަނޑިޔާރުން ފާހަގަކުރެއްވި ކަމަށެވެ.
ނަމަވެސް ކޯޓުތަކުގެ ޖާގަ އާއި މުވައްޒަފުންގެ ދަތިކަންހުރުމުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގައި ގާއިމުވެ ތިބޭ މެޖިސްޓްރޭޓުން ނެތުމާއި ދިފައީ ވަކީލުންނަށް ކޯޓަށް ހާޒިރުވުމުގައި ކުރިމަތިވާ ދަތިތަކާއި ތުހުމަތުކުރެވޭ ފަރާތާއި ހެކިން ކޯޓަށް ހާޒިރުކުރުމުގައި ދަތިތަކެއް ހުރިކަން ފަނޑިޔާރުން ފާހަގަކޮށްފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ބުނީ، އެކަންކަން އެގޮތަށް ހުރިނަމަވެސް ކުޑަކުދިންނާމެދު ކުރާ އަނިޔާގެ މައްސަލަތަކަކީ އަވަސްކަމާއި ހަލުވިކަމާއެކު ހުކުމެއްކޮށް، ގޮތެއް ނުނިންމޭނަމަ ނުރައްކާ ބޮޑު މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
އެހެންކަމުން މައްސަލަތައް އަވަސްކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އަވަސްކަމާއި ހަލުވިކަމާއެކު ހުކުމެއް ކުރެވިގެންދާނެގޮތަށް ކޯޓުތަކުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، އެގޮތުގެމަތިން ޝަރުއީ ކޯޓުތަކުން އަމަލުކުރަމުން ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ.
އޭގެ އިތުރުން އެފަދަ މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެނަމަ ގާނޫނީ އިޖުރާއާތުގެ ތެރެއިން ލިބިދޭންޖެހޭ އެންމެހައި ހައްގުތައް މައްސަލައިގެ ހަސްމުންނަށް ލިބިދިނުމާއެކު ބުލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން މެދުކެނޑުމެއްނެތި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދެވޭނެގޮތަށް މައްސަލަތައް މެނޭޖް ކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.