ޚަބަރު

ނޮކު މޯލްޑިވްސްއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި، ދިވެއްސަކު މަރުވެއްޖެ

ނޮކު މޯލްޑިވްސް އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި، ދިވެއްސަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ނޮކު މޯލްޑިވްސްއަށް ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް އެ ރިސޯޓުގެ ނެރުމައްޗަށް ބަންޑުން ޖަހާލާފައިވާ ކަމުގެ ރިޕޯޓު މިއަދު ހަވީރު 5:48 ހާއިރު ލިބިފައިވާ ކަމަށާއި އެ ހާދިސާގައި މިރޭ 7:50 ހާއިރު 51 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.

އެ ލޯންޗުން ދަތުރުކުރީ ޖުމްލަ ހަތް މީހުންނެވެ. އެއީ ދެ ފަތުރުވެރިންނާއި ހަތަރު ފަޅުވެރިންގެ އިތުރުން ރިސޯޓުގެ މަސައްކަތެއް ކުރުމަށް ދިޔަ މީހެކެވެ. އެ ހާދިސާގައި މަރުވެފައިވަނީ މަސައްކަތެއް ކުރުމަށް ދިޔަ މީހާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ ލޯންޗުން ދަތުރުކުރަމުންދިޔަ 51 އަހަރުގެ މީހާއަށް ގިނައިން ލޮނުބޮވުމުގެ ސަބަބުން ހޭނާރައިގެން އޭނާ ނ. މަނަދޫ ހެލްތު ސެންޓަރަށް ގެންދެވުނު ކަމަށާއި އެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.