ޚަބަރު

ރައްޔިތުން ގާނޫނަށް ހޭލުންތެރިކޮށް، ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމް މިފަހަރު ކުޅުދުއްފުށި ސިޓީގައި

އަހުމަދު ވަޖީފު

އާންމު ރައްޔިތުން ގާނޫނަށް ހޭލުންތެރިކޮށްދިނުމަށާއި މުޖުތަމުގައި ހަވާސާވެފައި ތިބޭ ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމްގެ ހދ. ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފިއެވެ.

މިއީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރާއި ޔޫތް މިނިސްޓްރީ ގުޅިގެން ހދ. ކުޅުދުއްފުށީގައި ހިންގާ މޯބައިލް ލީގަލް އެއިޑް ކުލިނިކުގެ ފަސް ވަނަ ޕްރޮގްރާމެވެ.

ބާރަ ގާނޫނީ ވަކީލުންނާއެކު އަންނަ ހަފްތާ ބަންދުގައި ބާއްވާ އެ ޕްރޮގްރާމުގެ ދަށުން ކަނޑައެޅޭ ދާއިރާތަކަކުން އާންމު ރައްޔިތުން ގާނޫނަށް ހޭލުންތެރިކުރުވުމަށްޓަކައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ގާނޫނީ ވަކީލުން ސެޝަންތައް ހިންގުމާއި އާންމު ރައްޔިތުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ ލަފާ ބޭނުންފުޅުވާ ފަރާތްތަކަށް އެ ސެންޓަރުގެ ޤާނޫނީ ވަކީލުން ޤާނޫނީ ލަފާ ދޭނެއެވެ.

އޭގެ އިތުރުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފޯރުންތެރިކަން ނެތް ފަރާތްތަކުން ކޯޓަށް ހުށަހަޅަން ބޭނުންވާ މަދަނީ މައްސަލަތަކުގައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ގާނޫނީ ވަކީލުންގެ ފަރާތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ.

މޯބައިލް ލީގަލް އެއިޑް ކުލިނިކުގެ ޕްރޮގްރާމް ކުރިން ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ، ބ. އޭދަފުށި، ގދ. ތިނަދޫ އަދި ހދ. ހޯރަފުށީގައެވެ.