އިބްރާހިމް ޒަކީ
ޕެރޯލް ބޯޑުގެ މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން ޕެރޯލްގެ ފުރުސަތު ހައްގުވި ނަމަވެސް އެފުރުސަތު ނުލިބޭ 200 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެ އެވެ.
ޖަލު ބަންދުގައި ތިބި މީހުން ފޮނުވާފައިވާ ސިޓީތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ، ޕެރޯލާބެހޭ މުޅި ޖުމްލަ މައްސަލަ ދިރާސާ ކުރުމަށް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ޕީޖީ އޮފީސް، ހޯމް މިނިސްޓްރީ، އަދި އިންސްޕެކްޓާ އޮފް ޖެނެރަލް، ބައިވެރިވެ ވަޑައިގެެން އެކަމާބެހޭ މައުލޫމާތު ދީފައިވާ ކަމަށެވެ.
ޖީހާން ވިދާޅުވީ ޖަވާބު ދާރީ ކުރުވާނެ ފަރާތެއް ނެތުމާއި، ކޯރަމް ހަމަނުވެގެން ޕެރޯލް ބޯޑުގެ މަސައްކަތައް ނުހިނގާ ކަމަށެވެ. އަދި ޕެރޯލްގެ ފުރުސަތު ލިބޭގޮތަށް މިހާރު އޮންނަނީ، ޖަލުގައި ހުންނަ މީހާ، އޭނާއަށް އެ ފުރުސަތު ހޯދުމުގެ ޝަރުތު ހަމަވޭތޯ އަމިއްލައަށް ބަަލައިގެން ކަމާބެހޭ ފަރާތްތަކަށް އެކަމަށް އެދި އަމިއްލައަށް ހުށަހަޅާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ޕެރޯލް ހައްގުވާ މީހާއަށް އެކަމަށް ޝަރުތު ހަމަވާކަން ނޭނގޭ ކަމަށާއި ޝަރުތު ހަމަވޭތޯ އެމީހުން އޮޅުން ފިލުވަން ޖެހެނީ މަޖިލިސް ނުވަތަ ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ތަންތަނަށް އަމިއްލައަށް ހުށަހަޅައި އެތައް އާދޭހެއް ކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ޖީހާން ވަނީ އެކަންކަން ބަދަލު ކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފައެވެ.
އެގޮތުން ޕެރޯލް ބޯޑު ހަރަކާތްތެރި ކޮށް އެކައުންޓަބަލް ކުރުވުމަށާއި ބޯޑުގެ ކޯރަމް ހަމަނުވާ މައްސަލަ ހައްލު ކުރުމަށް ޖީހާން ވަނީ، އެ ބޯޑުގެ ހާޒިރީ ހާމަ ކުރުމަށާއި، އެ ބޯޑު މަސައްކަތް ކުރޭތޯ ބަލައި އެކައުންޓަބަލް ކުރުމުވަށް ޓަކައި، ފަރާތެއް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައި ވެއެވެ.
މީގެ އިތުރުން ޕެރޯލް ހައްގުވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެކަން އަންގައި، އެ ފަރާތްތަކަަށް އެކަން ކަށަވަރު ކޮށްދިނުމުގެ އެންމެހާ ކަންކަން ހަމަޖައްސަން ޖެހޭނީ ޕެރޯލް ބޯޑުން ކަމަށް ކަނޑައެޅުމަށް ގާނޫނު އިސްލާހު ކުރުމަށްވެސް ވަނީ ހުށަހަޅުއްވައިފައެވެ.