ޚަބަރު

ކުވެއިތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ނައިބު ރައީސް މާލެއަށް ވަޑައިގެންފި

އަހުމަދު ވަޖީފު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކުވެއިތަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ނައިބު ރައިސް ފައިސަލް ނަސީމް ކުވެއިތަށް ކުރެއްވި ދަތުރުފުޅުގައި ކުވެއިތުގެ ބައެއް ޖަމިއްޔާތަކާ ބައްދަލުކުރައްވާފައި ވެއެވެ. އަދި ގުރުއާނާއި އަރަބި ކިޔވައިދޭ މުދަރިއްސުން ހޯއްދެވުމަށް މަޝްވަރާ ކުރައްވާފައި ވާއިރު ޓީޗަރުން ތަމްރީނު ކުރުމަށްވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ނައިބު ރައިސް ކުރެއްވި މި ދަތުރުފުޅުގައި އާދީއްތަ ދުވަހު ވަނީ ކުވައިތުގެ އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ދަށުން ހިންގާ 20 ސްކޫލްގެ ތެރެއިން އަޖިއަލް ބައިލިންގުއަލް ސްކޫލަށާއި، އެމެރިކަން ޖާމަން ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލްތަކުގައި ހުރި ވަސީލަތްތައް ބައްލަވާލައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ފަރާތުން ރާއްޖޭގެ ސްކޫލްތަކަށް 40،000 ފޮތް ނައިބު ރައީސްގެ މި ދަތުރުފުޅުގެ ތެރޭން ހަދިޔާކުރައްވާފައި ވެއެވެ. އަދި އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް 10،000 މުސްހަފް ވެސް ހަދިޔާކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ކެމްބްރިޖް އިންގްލިޝް ސްކޫލު - މަންގަފް އާއި އުންމުލް ގުރާ ސްކޫލާއި އެ ސްކޫލުގެ ރިހިބިލިޓޭޝަން ސެންޓަރަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.

ނައިބު ރައީސް ފައިސަލް ކުއިވެތަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަހުމަދު ޒާހިރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުސްތަފާ ލުތުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.