ޚަބަރު

އިންޑިއާގެ އެހީގައި 30 ހާސް މީސަލްސް ވެކްސިން ޑޯޒް މާދަމާ ރާއްޖެއަށް ގެންނަނީ

މަރިޔަމް ޝަހުދާ

އިންޑިއާގެ އެހީގައި މާދަމާ 30 ހާސް މީސަލްސް ވެކްސިން ޑޯޒް ރާއްޖެ ގެންނާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އަދި ރާއްޖޭގެ ހިމަބިހީގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އިންޑިއާގެ އެހީތެރިކަމާއެކު ގެންނަ ވެކްސިން ޑޯޒަކީ ކުރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރި ދެ ލައްކަ ވެކްސިން ޑޯޒުގެ އިތުރުން ގެންނަ ވެކްސިން ޑޯޒުތަކެއް ކަމަށެވެ.

"ވެކްސިން ގެނައުމަށް އަޅުގަނޑުމެން ޔުނިސެފާއި ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ކުރިން ދެންނެވިހެން ދެލައްކަ ވެކްސިން ޑޯޒު ރާއްޖެއަށް ގެނައުމުގެ މަސައްކަތް އެބަ ކުރެވޭ. އެ ގެނައުމަށް އަޅުގަނޑުމެން ދީފަ ހުރި މުއްދަތުގެ ތެރޭގަ ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން އިންޑިއާގެ ސަރުކާރާއި އެކީގައި ވާހަކަ ދައްކައި ކުރެވުނު މަސައްކަތުގެ ތެރެއިން މާދަމާ ރާއްޖެއަށް ގެނެވޭނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފަ ވަނީ 30،000 ޑޯޒް. އެއީ އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖެއަށް ގެނެވޭ ވެކްސިން ޑޯޒް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވަނީ އިންޑީއާ ސަރުކާރުން ރާއްޖެއަށް މިކަމުގައި ވެދެއްވާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން މިހާތަނަށް ރާއްޖެއިން 79 މީހަކު ހިމަބިއްސަށް ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކު މި ބައްޔަށް ޕޮސިޓިވްވެފައި ވާއިރު، އެ ހަތަރު މީހުން އުޅުނު ސަރަހައްދުގެ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ތެރެއިން މިހާތަނަށް 3001 މީހަކަށް ވެކްސިން ދީފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިހާރުވެސް އިތުރު މީހުން މި ބައްޔަށް ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. އަދި މީހުން ކިތަންމެ މަދުން ދިޔަ ނަމަވެސް، އަދި ބަލި ޖެހިފައިވާ މީހަކު ނުފެނުނު ނަމަވެސް އަދިވެސް މަސްދުވަސް ވަންދެން ހިމަބިއްސަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު މި ބައްޔަށް ސްކްރީން ކުރުމުގެ ހުރިހާ ހިދުމަތަކާއި، ބަލި ޖެހިއްޖެ ހިނދެއްގައި އެކަހެރިކޮށް ބޭތިއްބުމުގެ ކަންކަންވެސް ހަމަޖައްސާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ވެކްސިންގެ ކަންކަމުގައި ހުރި ގޮންޖެހުންތައް ވެސް ފާހަގަަކުރައްވާފައެވެ. އެގޮތުން ކުރިން ވެކްސިން ކޭމްޕް ބޭއްވި އިރުގެ މައުލޫމާތުތައް ޑިޖިޓަލައިޒް ކުރެވިފައި ނެތުމުން ކުރިން ވެކްސިން ޖެހި މީހުން އެނގޭނެ ގޮތެއް ނެތްކަން ފާހަގަ ކުރެއްވިއެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެމްއެސްއައިޓީ އާއެކު ޑޭޓާބޭސްއެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ މި ޑޭޓާބޭސްގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިންމުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށް ރާވާފައިވާ ވެކްސިން ކޭމްޕްގެ މަސައްކަތް ގެންދާނީ މި ޑޭޓާބޭސްގެ އެހީގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.