ޚަބަރު

ރާއްޖެއަށް އަންނަ ފަތުރުވެރިން ނޮވެލް ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރަން ފަށައިފި

މަރިޔަމް ޝަހުދާ

ރާއްޖެއަށް އަންނަ ފަތުރުވެރިން ނޮވެލް ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިން ފަށައިފި ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޮވެލް ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން އިމެޖެންސީ ހާލަތަށް އައުމާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގެ ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރާއްޖެއިން ބޭރުން އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް އެޗްޕީއޭ އިން ފަށާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ މި ނޫސްބަޔާނުގައި ވެއެވެ. އަދި މިހާތަނަށް ރާއްޖެއިން މި ވައިރަސްގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ސަރުކާރުން އެންމެ މުހިއްމު ކަމެއް ދެމުން އަންނަ އެއް ކަމަކީ ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންގެ ސަލާމަތްތެރިކަން ކަމަށެވެ. އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.