ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހީނަރުވެފައިވާ ގުޅުން ރަނގަޅު ކޮށްދިނުމަށް މޯދީ އެދިވަޑައިގެންނެވި: އިބޫ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގުޅުއްވައި ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާކަން ފާހަގަކުރައްވައި، އެ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް އިބޫ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރި ހޯއްދެވި އިބޫއަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ގުޅުއްވައި ދެއްކެވި ވާހަކަފުޅުތައް އިބޫ ވަނީ ހާމަކުރައްވައިފައެވެ.

"ގުޅިފައިވާ ކޯލިޝަންގެ މުހިންމުކަން އިންޑިއާގެ ބޮޑުވަޒީރު ފާހަގަކުރެއްވި. ކުރިއަށްއޮތް ތަނުގައި ވެސް ކޯލިޝަނާއެކު ކުރިއަށްދިއުމަށް ވެސް އެދިވަޑައިގެންނެވި. އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާކަން ފާހަގަކުރެއްވި،" އިބޫއާއި މޯދީ ދެއްކެވި ވާހަކަފުޅުތައް ރާއްޖެޓީވީއާ ހިއްސާކުރައްވަމުން ވިދާޅުވިއެވެ.

އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި އޮންނާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ބޮޑުވަޒީރަށް ދެއްވި ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީގައި އިންޑިއާގެ ދައުރު ފާހަގަކުރައްވާފައިވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އިންޑިއާ ވަޑައިގަތުމަށް މޯދީ ދެއްވި ދައުވަތު ވެސް އިބޫ ވަނީ ގަބޫލުކުރައްވައިފައެވެ.