އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް، މީގެ ކުރިންވެސް އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވާ، އަހުމަދު ފަޔާޒް ހަސަން ނިންމަވައިފިއެވެ.
އީސީގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް ނިންމެވިކަން ފަޔާޒް އާންމުކުރައްވާފައިވަނީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
"އަޅުގަނޑު ﷲގެ ވާގިފުޅާއެކު އިލެކްޝަންސް ކޮމިޝަން ގެ މެމްބަރުކަމަށް ކުރިމަތިލާން ނިންމައި އެކަމުގެ ފަތްތޫރަ ހިންގަން." ފަޔާޒްގެ ޓުވީޓުގައި ވެއެވެ.
ފަޔާޒަކީ އީސީގެ މެންބަރުކަމުގެ އިތުރުން އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. އަދި މިދިޔަ އަހަރު ފަޔާޒް ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށްވެސް ކުރިމަތިލައްވާފައެވެ.
އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ ކޮމިޝަނުގެ މެންބަރެއްގެ ދައުރު އަންނަ މާޗު މަހުގެ 23 އަށް ހަމަ ވާތީއެވެ. އީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން، މާޗު މަހުގެ 23 އަށް ދައުރު ހަމަވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގައި މި ވަގުތު ހުންނެވި އަހުމަދު އަކުރަމްގެ އެވެ.