އިނގިރޭސި ޕްރިމިއާ ލީގު

ކުޅުންތެރިޔަކު މަދުކޮށް ކުޅެ، ފަހު ވަގުތު އާސެނަލުން ޗެލްސީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުންތެރިޔަކު މަދުކޮށް ކުޅެ، ފަހު ވަގުތު އާސެނަލުން ޗެލްސީ ހިފަހައްޓައިފިއެވެ.

ޗެލްސީ އާއި އާސެނަލް ރޭ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗު ކުޅުނީ ޗެލްސީގެ އަމިއްލަ ދަނޑު، ސްޓެމްފަޑް ބުރިޖުގައެވެ.

އެ މެޗުގެ 15 ވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑު ހޯދުމަށް ޗެލްސީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހަޑްސަން އޮޑޮއި ނަގައިދިން ހުރަހަކުން ޓެމީ އަބްރަހަމް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އާސެނަލުގެ ކީޕަރު ބާންޑް ލެނޯއާ ދިމާއަށެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން އަބްރަހަމްއަށް ކުރި ފައުލަކާ ގުޅިގެން ޗެލްސީގެ ކުރީގެ ޑިފެންޑަރު ޑޭވިޑް ލުއިޒްއަށް ދެއްކި ރަތް ކާޑާއެކު އާސެނަލަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އެ ފައުލާއެކު ޗެލްސީއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ޗެލްސީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްލުމަށް ޗެލްސީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސެޒާ އަޒްޕްލުކުއެޓާ ދިން ބޯޅައަކުން ހަޑްސަން އޮޑޮއި ފޮނުވާލި އެ ހަމަލާ، އާސެނަލްގެ ކީޕަރު ލެނޯ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

އެ މެޗުގެ 63 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އާސެނަލަށް ލިބުނު ކޯނަރަކުން ޝްކްރޮޑާން މުސްތާފީ ދިން ބޯޅައަކުން އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އުމުރުން 18 އަހަރުގެ ފޯވަޑް ގެބްރިއަލް މާޓިނެލީއެވެ.

އެ ލަނޑަށްފަހު ޗެލްސީއަށް އަލުން ލީޑު ހޯދުމަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 73 ވަނަ މިނެޓުގައި ވިލިއަން ފޮނުވާލި ހަމަލާ އަދި މެޗުގެ 77 ވަނަ މިނެޓުގައި އަބްރަހަމް ފޮނުވާލި ހަމަލާ ވެސް އާސެނަލުގެ ކީޕަރު ލެނޯ ވަނީ މަތަކޮށްފައެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ޗެލްސީން ވަނީ އަލުން ލީޑު ހޯދައިފައެވެ. ހަޑްސަން އޮޑޮއި ނަގައިދިން ހުރަހަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަޒްޕްލިކުއެޓާއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އާސެނަލް ގޯލުގެ ތިރީ ކަނަކަށެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، އާސެނަލުން ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފައެވެ. ލޫކަސް ޓޮރޭރާ ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ޑިފެންޑަރު ހެކްޓާ ބެލެރިންއެވެ.

ޕްރިމިއާ ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑް އަތުން ހަނި ތަފާތަކުން މެންޗެސްޓާ ސިޓީ ވަނީ މޮޅުވެފައެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުން ސިޓީ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ސިޓީގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯއެވެ.

ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ކުޅުނު 22 މެޗުން 64 ޕޮއިންޓް ހޯދި ލިވަޕޫލެވެ. ދެވަނައިގައި އޮތް ސިޓީއަށް 24 މެޗުން 51 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް 23 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް 24 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. އަދި ރޭ ޗެލްސީއާ ދެކޮޅަށް ނުކުތް އާސެނަލް އޮތީ ކުޅުނު 24 މެޗުން ލިބުނު 30 ޕޮއިންޓާއެކު ތާވަލުގެ ދިހަވަނައިގައެވެ.