ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ކޯލިޝަން ހަދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަލާން ޖެއްސެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމު އެހެން ވިދާޅުވީ، ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނަށް ވެރިކަމުގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުން ނުލިބެނީ ކޯލިޝަންގެ ސަބަބުން ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.
ޖޭޕީގެ މައި ޖަގަހަ މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމު ވަނީ، ރައީސް ނަޝީދު އެހެން ވިދާޅުވާއިރު ކޯލިޝަން ހަދަން ޖެހި ސަލާމާއި ސަރުކާރު ލިބިވަޑައިގެން ހަނދުމަފުޅު ނެތުނީތޯ ސުވާލު ކުރައްވައިފައެވެ.
"ބަލަ އެމަނިކުފާނަށް (ރައީސް ނަޝީދަށް) މިއަދުތޯ އެނގިވަޑައިގަތީ ކޯލިޝަނާ ހެދިކަން. އިހަށް ދުވަހު އެ ކޯލިޝަން ހަދަން ވެގެން ކުރި އާދޭހައި ޖެހި ސަލާމާ އެއްޗެހި ކޮބައިތޯ؟ ސަރުކާރު ލިބިވަޑައިގެންނެވި ގޮތް މަނިކުފާނު ހަނދުމަފުޅު ނެތުނީތޯ؟،" ގާސިމު ވިދާޅުވިއެވެ.
ގާސިމު އިތުރަށް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަކީ ދިވެހި ދައުލަތުގެ ހުރިހާ ރައްޔިތުންގެ ހައްގުތައް ހަމައެކަނި އެމަނިކުފާނުގެ ޕާޓީގެ މެންބަރުންނަށް ބަހާލުމަށް ރައީސް ނަޝީދަށް ދެއްވި މަގާމެއްތޯ ވެސް ސުވާލު އުފައްދައިފައެވެ.
އަދި ވިދާޅުވީ، ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ރައްޔިތުން ނިކަމެތިވާ ގޮތަށް ރައީސް ނަޝީދު ވާހަކަދައްކާއިރު އިންސާފާއި ގާނޫނުގެ ހުދޫދެއް ވެސް ނެތް ކަމަށެވެ.