އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ މެދު ކެބިނެޓާއި، ރައީސް އޮފީހުގެ އިސްވެރިންނާއި، ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުން މިއަދު މަޝްވަރާކުރައްވައިފިއެވެ.
އެ މަޝްވަރާތައް ކުރިއަށްގެންދިޔައީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ވޯކިން ސެޝަނެއްގައެވެ.
އެ ބައްދަލުކުރެއްވުމުގައި އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފަރާތުން ވަނީ ހާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅައިފައެވެ. އެ ޕްރެޒެންޓޭޝަންތައް ބިނާކޮށްފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ މެދު އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރައްވާފައިވާ ދިރާސާ ރިޕޯޓުތަކުގައި ހިމެނޭ މައުލޫމާތުތަކުގެ މައްޗަށެވެ.
މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑަކީ އެކިއެކި ވިޔަފާރި ކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި، އެ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ލަފާދެއްވުމަށް މިދިޔަ އަހަރުގެ މެއި މަހު ރައީސް އެކުލަވާލައްވާފައިވާ ބޯޑެކެވެ.
މިއަދުގެ ބައްދަލުވުމުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އެންމެ އެކަށޭނަ، އަދި ފުރިހަމަ ގޮތެއްގައި "މިނިމަމް ވޭޖް" ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ކުރަން ޖެހޭ ކަންތައްތަކުގެ މައްޗަށެވެ. އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އެންމެ ކުޑަ އުޖޫރަ އެކަށައެޅުމުން އެކިއެކި ދާއިރާތަކަށް އޭގެ ސަބަބުން ކުރާނެ އަސަރާއި އަންނާނެ ކަމަށް އަންދާޒާކުރެވޭ ބަދަލުތައް ހިމެނެއެވެ. އެގޮތުން ދައުލަތުގެ ބަޖެޓާއި، އިންފްލޭޝަން ނުވަތަ މުދަލާއި ހިދުމަތްތަކުގެ އަގަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލާއި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ އާއި، ބޭރު ފައިސާގެ ރިޒާވްއާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ އަދި އަމިއްލަ ކުންފުނިތަކާއި، ޖުމްލަ ގޮތެއްގައި އިގުތިސާދަށް ކުރާނެ އަސަރުތަކާ މެދު އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.